ޚަބަރު

ސައޫދީގެ ތެޔޮ އުފައްދާ މަރުކަޒުތަކަށް ދިން ޙަމަލާ ސަރުކާރުން ކުށްވެރިކޮށްފި


  • ސަޢުދީ ޢަރަބިއްޔާގެ ސަލާމަތަށް އަޅަމުންދާ ފިޔަވަޅުތަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަމަށް ވިދާޅުވި

ސަޢުދީ ޢަރަބިއްޔާގެ އިރުމަތީ ޕްރޮވިންސްއާއި ރިޔާޟްގެ ތެޔޮ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ދިން ޑްރޯން ޙަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ ހަމަލާތަކަކީ ސައުދީ އަރަބިއްޔާގެ ސިޔާދަތާއި އިސްތިޤްލާލާއި އަރައިގަތުމުގެ އަމަލެއްކަމަށާއި، އަދި މިއީ ސަރަހައްދީ ސުލްހައާއި، ސަލާމަތާއި، ހަމަޖެހުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ރާއްޖެއިން ދެކޭކަމަށެވެ.

ދިވެހި ސަރުކާރާއި ރައްޔިތުން ސައުދީ އަރަބިއްޔާގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާއެކު ފުރިހަމަ ސާބިތުކަންމަތީގައި ތިބި ކަމަށް އެ ބަޔާނުގައި ވިދާޅުވިއެވެ. އަދި ސައުދީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ރާއްޖެއިން ތާއީދުކުރާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.