ޚަބަރު

ފީފާއިން 20 ބިލިޔަން ޑޮލަރުގެ އަގުހުރި އައު ކޮމާޝަލް ސަބްސިޑިއަރީއެއް އުފައްދަން ރާވަނީ


ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމްއިއްޔާ، ފީފާއިން 20 ބިލިޔަން ޑޮލަރުގެ އަގުހުރި އައު ކޮމާޝަލް ސަބްސިޑިއަރީއެއް އުފެއްދުމަށް ރާވަމުން އަންނަ ކަމަށް އެޖަމްއިއްޔާއިން ބުނެފިއެވެ.

ވަރަށް އުއްމީދީ ޕްލޭނެއްގެ ދަށުން ފީފާއިން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ފީފާ ފޯވަޑް އެންޓަރޕްރައިޒް، އެފްއެފްއީގެ ނަމުގައި އެއިދާރާގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުން ހިންގާ ސަބްސިޑިއަރީއެއް އުފެއްދުމަށްވަނީ ހަމަޖެހިފައެވެ. ފީފާއިން ހާމަކުރާގޮތުގައި މިއީ އެޖަމްއިއްޔާގެ ވިޔަފާރި އާއި ހަރަކާތްތައް އެއްތަން ކުރުމަށް ކުރާ މަސައްކަތެކެވެ.

ފީފާއިން ބުނާގޮތުގައި އެޖަމްއިއްޔާއިން މިހާތަނަށް ކުރަމުންދިޔަ މަސައްކަތްތައް ކަމަށްވާ ފުޓްބޯޅަ ހިންގުމާއި، މުބާރާތްތައް ރޭވުމާއި، މެޗުތަކުގެ ކަލަންޑަރާއި އަދި ކުޅިވަރާއި ގުޅުންހުރި ހުރިހާ ނިންމުންތަކެއް ނިންމުމުގެ ބާރު ކުރިއަށް އޮތްތާނގައިވެސް އޮންނާނީ އެޖަމްއިއްޔާގެ އަތުގައެވެ.

ފީފާއިން އަލަށް އެކުލަވާލާފައިވާ ހުށަހެޅުމުގެ ދަށުން އެފްއެފްއީގެ މައިނޯރިޓީ އަދި ކޮންޓްރޯލް ނުކުރެވޭ ހިއްސާތައް ގަތުމަށް ބޭރުގެ އިންވެސްޓަރުންނަށް ފީފާއިން ހުޅުވާލާނެއެވެ. ފީފާއިންވަނީ މިހިއްސާތައް ވިއްކައިގެން 4.2 ބިލިޔަން އެމެރިކާ ޑޮލަރު ހޯދުމަށް ނިންމާފައެވެ. އަދި ލިބޭ ހުރިހާ ފައިދާއެއް ފުޓްބޯޅައިގެ ކުރިއެރުމަށް އަނެއްކާވެސް ރީއިންވެސްޓް ކުރާނެކަމަށް ފީފާއިން ބުނެއެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ނެރުނު އާންމު ބަޔާނެއްގައި ބުނެފައިވަނީ ފުޓްބޯޅައަކީ ދުނިޔޭގެ އެންމެ މަގުބޫލު ކުރިވަރުގެ އިތުރުން އިންސާނީ ތަރައްގީއަށް އޮތް އެންމެ މުހިންމު ވަސީލަތްކަމަށެވެ. އަދި މަގުބޫލުކަމުގެ ބޭނުން ކޮށްގެން ވިޔަފާރީގެ ނަފާހޯދުމުގެ ފުރުސަތު މިހާރުވަނީ ވަރަށް ބޮޑަށް ހުޅުވިގެން ގޮސްފައިކަމަށާއި އަދި ފުޓްބޯޅައިގެ މުސްތަގްބަލް އެގޮތުގައި ބޭއްވުމަށްޓަކައި އެކަން އެގޮތަށް ކުރިއަށް ދިއުމަށް އެދޭކަމަށް އިންފަންޓީނޯ ބުންޏެވެ. އިންފަންޓީނޯ ބުނީ އެޖަމްއިއްޔާގެ ބޭނުމަކީ ފުޓްބޯޅައިގެ އެެހެން ބައިތައްވެސް އެއާއެއްކޮށް ކުރިއަރައިގެންދިއުން ކަމަށާއި އަދި ފީފާ އުފެދިފައިވަނީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަކަށް ދެމެހެއްޓެނިވި އަދި އެންމެން ޝާމިލުވާ ތަރައްގީ ގެނެސްދިނުމުގައި އެހީތެރިވެދިނުމަށް ކަމަށެވެ.

ނަމަވެސް ފީފާގެ މިހުށަހެޅުމަށް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ، ޔުއޭފާގެ ފާޑުކިޔުންވަނީ ވަރަށް ބޮޑަށް އަމާޒުވެގެން ގޮސްފައެވެ. ޔުއޭފާއިން ބުނީ މިހުށަހެޅުމާއެކު ފީފާއިން މިވަނީ ފުޓްބޯޅަ ހިންގާ އެއްވެސް އިދާރާއަކުން ހުރަސް ކުރަން ނުޖެހޭ ރޮނގެން ހުރަސްކޮށްފައެވެ. ޔުއޭފާއިން ބުނީ އެއިދާރާއިން މިއަންނަނީ މިކަން ވަރަށް ސީރިއަސްކޮށް ބަލަމުން ކަމަށާއި އަދި ފީފާގެ މެންބަރު ހުރިހާ އެސޯސިއޭޝަންތަކުންވެސް މިކަމާ މެދު ސަމާލުވާން ޖެހޭކަމަށާއި ލީގުތަކާއި ކްލަބް ތަކާއި ކުޅުންތެރިންނާއި ސަޕޯޓަރުންނާއި ސަރުކާރުތަކާއި އަދި ކުޅިވަރުގެ ކުރިމަގަށް ހެޔޮއެދޭ އެންމެންވެސް ވިސްނަން ޖެހޭނެ ކަމަށެވެ.

ޔުއޭފާއިން ބުނީ ފުޓްބޯޅައިގެ ރޫހާއި ހިންގުމަކީ ވިޔަފާރިކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި ޚާއްސަކޮށް މިކަމުން މާލީ ގޮތުން ފައިދާވަނީ ކާކަށް ކޮން ބަޔަކަށްކަން އެއްވެސް ގޮތަކަށް ސާފުނުވާކަމަށްވެސް ޔުއޭފާއިން ހާމަކުރެއެވެ. އަދި ފުޓްބޯޅައިގެ މިލްކުވެރިކަން އެއްވެސް ފަރާތަކަށް ނުލިބޭ ހާލު އެވިއްކުމުގެ އިޚްތިޔާރު ފީފާއަށްވެސް ލިބިގެން ނުވާކަމަށް ޔުއޭފާއިން ހާމަކުރިއެވެ.

ފީފާއިން ބުނީ މި ހުށަހެޅުން ވަރަށް އަވަހަށް އެޖަމްއިއްޔާގެ މެމްބަރު 211 އެސޯސިއޭޝަނާއި ފީފާ ކައުންސިލަށް ހުށަހަޅާނެކަމަށެވެ. މި މައްސަލައިގައި އެންމެ ފަހުގެ ނިންމުން ނިންމާނީ އެ ފަރާތްތަކުންނެވެ.

ފީފާއިން އަލަށް އުފައްދާ އެންޓިޓީގެ 20 އިންސައްތައާ ހަމައަށް ހިއްސާ ވިއްކުމަށް ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ފީފާއިން އަންނަނީ ޖޭޕީ މޯގަންގެ ބޭންކަރުންނާއި ގުޅިގެން މަސައްކަތް ކުރަމުންނެވެ. ހަމައެއާއެކު ލިބަޓީ މީޑިއާގެ ކުރީގެ ސީއީއޯ ގްރެގް މެފީ އަންނަނީ ފީފާގެ މި އެންޓިޓީ އުފެއްދުމުގައި ކޮމާޝަލް އެޑްވައިޒަރެއްގެ ގޮތުން ހަރަކާތްތެރިވަމުންނެވެ. މަޢުލޫމާތުލިބޭގޮތުގައި ވެންޗާ ކެޕިޓަލް ފަރމް ތުރައިވް ކެޕިޓަލް އިން އަލަށް އުފައްދާފައިވާ އިންވެސްޓްމަންޓް ސްޓްރެޓެޖީ ތުރައިވް އިޓަރނަލް ވާނީ މި އެންޓިޓީގެ މައިގަނޑު އިންވެސްޓަރަށެވެ.

ތުރައިވްއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާގެ ކޮއްކޮ، ޖޯޝުއާ ކުޝްނާ އުފައްދާފައިވާ ފަރމެކެވެ. އަދި ވޯލްޓް ޑިޒްނީގެ ކުރީގެ ސީއީއޯ ބޮބް އައިގާވެސް އަންނަނީ މިކަމުގައި އެޑްވައިޒަރެއްގެ ގޮތުން މަސައްކަތް ކުރަމުންނެވެ.

މަޢުލޫމާތުލިބޭގޮތުގައި ފީފާގެ މިހުށަހެޅުމަށް މިއަންނަ އަހަރުގެ މާރޗް މަހު މޮރޮކޯގައި ބާއްވާ ފީފާގެ ކޮންގްރެސްގައި މެމްބަރު 211 އެސޯސިއޭޝަންގެ މެދުގައި ވޯޓަކަށް އަހާނެއެވެ.