ޚަބަރު

ސިފައިންގެ 64ވަނަ އަސާސީ ތަމްރީނު ކޯސް ނިންމާލައިފި


ޤައުމީ ދިފާއީ ބާރުގެ ޚިދުމަތާ އަލަށްގުޅުނުމީހުން ތަމްރީނުކުރުމަށް ކުރިއަށް ގެންދިޔަ ސިފައިންގެ 64ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ބޭއްވި މިޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ތައްޓާއި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

ރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ ޚިދުމަތާ އަލަށް ގުޅުނު މީހުން ތަމްރީން ކުރުމަށް، 11 އޯގަސްޓް 2018 އިން 09 ފެބްރުއަރީ 2019 ގެ ނިޔަލަށް ހަމަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ސިފައިންގެ 64ވަނަ އަސާސީ ތަމްރީނު ކޯސް ނިންމާލީ ކާމިޔާބު ކަމާއެކުކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
ރާއްޖޭގެ 20 އަތޮޅަކުން 64 ރަށަކަށް ނިސްބަތްވާ 154 ދަރިވަރުންނާއެކު ފެށި މިކޯސް ކާމިޔާބު ކަމާއެކު ނިންމާލިއިރު، 28 ދަރިވަރަކު ކޯހާ ވަކިވާން ޖެހުނު ނަމަވެސް 125 ދަރިވަރަކު ވަނީ ކޯސް ފުރިހަމަ ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 111 ފިރިހެން ދަރިވަރުންނާއި 14 އަންހެން ދަރިވަރުންނެވެ.

ސިފައިންގެ 64ވަނަ އަސާސީ ތަމްރީން ކޯސް ފުރިހަމަ ކުރެއްވި ދަރިވަރުންނަށް ޢަޒުމް ލައިދެއްވީ އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދެވެ.

ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައިދިނުމުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިޔަ މިކޯހުން އޯލެވެލް އާއި އޭލެވެލް އާއި ޑިޕްލޮމާ އަދި ބެޗްލާސް ޑިގްރީ ފެންވަރަށް ކިޔަވައިގެން ތިބި ދަރިވަރުން ތަމްރީން ހޯދިއިރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޕްރައިވެޓް އަޙުމަދު ޝައިހާން ޖަލީލެވެ.

ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީގެ ބެލުމުގެ ދަށުން ސިފައިންގެ ތަމްރީން މަރުކަޒުތަކުގައި ކުރިއަށް ގެންދިޔަ މިކޯހުގައި އަމާޒަށް ބަޑިޖެހުމުން އެއްވަނަ ހޯދައިގެން މޭޖަރ އިނގިރޭސި އުމަރު މަނިކުގެ އެވޯޑް ހާސިލްކޮށްފައިވަނީ ޕްރައިވެޓް އަޙްމަދު ހިޝާމެވެ.

ކަނޑައަޅާފައިވާ ކަރިކިއުލަމްގެ މިންގަނޑުތަކާއި އެއްގޮތަށް ފާސްވި ދަރިވަރުންގެ ތެރެއިން ހެވިކަމަށް އެންމެ މޮޅު ދަރިވަރަކަށްދޭ ކޮމާންޑަރ އިސްމާޢީލް ދީދީގެ އެވޯޑް ޕްރައިވެޓް އަޙްމަދު ހިޝާމް ޙާސިލްކުރިއިރު، ހަށިހެޔޮކަމުން އެއްވަނަ ދަރިވަރަކަށް ދޭ ކޮމާންޑަރ މޮޓަރ ހަސަން މަނިކުގެ އެވޯޑް ހޯދީ ޕްރައިވެޓް ޙުސައިން އާދަމެވެ. އަދި މަޒުމޫނު ލިޔުމުން އެއްވަނަ ހޯދައިގެން މޭޖަރ ރިޓަޔަރޑް ޙުސައިން ޝާކިރުގެ އެވޯޑް ޕްރައިވެޓް ސާމިޙް މުޙައްމަދު ހޯދިއިރު މިކޯހުގެ އެންމެ މޮޅު އަންހެން ދަރިވަރަކަށް ހޮވިފައި ވަނީ ޕްރައިވެޓް އައިޝަތު ޝަހުމާއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މަރިޔާ އަޙްމަދު ދީދީވަނީ ލަޝްކަރު ބަލާ ފާސްކޮށްދެއްވައި ކޯހުގެ ދަރިވަރުންނާ މުޚާޠަބުކުރައްވައި ނަސޭހަތްދެއްވާފައެވެ. ދަސްވެނިވެގެން ސިފައިންގެ އަމަލީ މައިދާނަށް ނުކުންނައިރު، ސިފައިންގެ މީހަކަށްވުމަށް ކުރި ހުވާގެ މަތީގައި އަބަދުމެ ދެމިތިބުމަށް މިނިސްޓަރ ނަސޭހަތްތެރިވެވަޑައިގަތެވެ.

64 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ ސީނިއަރ އޮފިސަރުންގެ އިތުރުން ކޯހުގެ މުދައްރިބުންނާއި ކޯހުގެ ބައިވެރިންގެ ބެލެނިވެރިން ބައިވެރިވިއެވެ.