އަދަބީ ފާޑުކިޔުމުގެ އިލްމާ ބެހޭގޮތުން ރާއްޖޭގައި ލިޔުނު ފުރަތަމަ ފޮތް ނެރެފިއެވެ. އަލްއުސްތާޛް އަލްމަރުޙޫމް މުޙައްމަދު ވަޙީދު، ނަދުވީ ލިޔުއްވާފައިވާ މި ފޮތް ނެރެދެއްވީ މިކަމަށްޓަކައި ބޭއްވި ޚާއްޞަ ޖަލްސާއެއްގައި މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނެވެ.
މިދިޔަ ޑިސެމްބަރު 28 ވަނަ ދުވަހު އަވަހާރަވި ދިވެހިބަހާ ތާރީޚަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އަލްއުސްތާޛް އަލްމަރުޙޫމް މުޙައްމަދު ވަޙީދު، ނަދުވީ އަދަބީ ފާޑުކިޔުމާ ބެހޭގޮތުން ލިޔުއްވާފައިވާ "އަދަބީ ފާޑުކިޔުން" މިފޮތަކީ ރާއްޖޭގައި ތާރީޚުގައި އަދަބީ ފާޑުކިޔުމުގެ އިލްމާ ބެހޭގޮތުން ލިޔެފައިވާ ފުރަތަމަ ފޮތެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤް ވިދާޅުވީ އަލްއުސްތާޛް އަލްމަރުޙޫމް މުޙައްމަދު ވަޙީދު ނަދުވީއަކީ ރާއްޖޭގެ އަދަބިއްޔާތަށް އަގުނުކުރެވޭ ވަރުގެ ބޮޑެތި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަމަށެވެ. އެގޮތުން ނަދުވީ ޤައުމަށް ކޮށްދެއްވި ޚިދުމަތްތަކުގެ ކާމިޔާބީ އެމަނިކުފާނުގެ ދަރިވަރުން ދިވެހި ބަހުގެ އަދަބިއްޔާތުން ހޯދަމުންދާ ކާމިޔާބީން އެނގިގެންދާކަން ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
""ނަދުވީ އަކީ ދިވެހި އަދަބިއްޔާތަށް އަގުނުކުރެވޭހާ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް. އެމަނިކުފާނަށް އަޅުގަނޑުމެން އެންމެންވެސް ފަޚުރުވެރިވަން. އެމަނިކުފާނުގެ ޙަޔާތްޕުޅުގެ ކާމިޔާބީ ދައްކުވައިދެނީ އެމަނިކުފާނުގެ ދަރިވަރުން ދިވެހި ބަހުގެ އަދަބިއްޔާތުން ހޯދަމުންދާ ކާމިޔާބުން."ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤް
މި ޖަލްސާގައި ނަދުވީގެ ދަރިވަރުންނާއި، އެކުގައި މަސައްކަތްކުރެއްވި ބޭފުޅުންނާއި، ދަރިކަލުން އަދި ދަރިކަނބަލުން ވަނީ އެމަނިކުފާނުގެ ހަނދާން އައުކުރައްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި ނަދުވީ ހަނދާނުގައި ދިވެހި ބަހުގެ އެކެޑަމީން ހުޅުވާލި ތައުޒިޔާގެ ދަފްތަރު މި ޖަލްސާގެ ތެރެއިން އާއިލާއާ ޙަވާލުކޮށްފައިވާއިރު، ނަދުވީގެ ހަނދާނުގައި ޚާއްޞަ ޅެމެއްވެސްވަނީ ހުށަހަޅައިދީފައެވެ.
ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒާއި، ދިވެހިބަހުގެ އެކެޑަމީގައި ވިއްސަކަށް އަހަރު ޚިދުމަތް ކުރައްވާފައިވާ އަލްއުސްތާޛް މުޙައްމަދު ވަޙީދު ނަދުވީ ވަނީ ދިވެހި ބަހާއި ތާރީޚަށް އެތައް ޚިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން ތާރީޚީ އެތައް ފޮތްތަކެއް ލިޔުއްވައި، ދިވެހި ތާރީޚް ދިރާސާކުރައްވައި އާންމުކުރައްވާފައިވެއެވެ. އަދި ތާރީޚް އުނގަންނައިދިނުމުގެ މަސައްކަތުގައިވެސް އަމަލީގޮތުން އުޅުއްވާފައިވެއެވެ.