ޚަބަރު

ރައީސް ޞާލިޙްގެ ދައުވަތު ސްރީލަންކާގެ ރައީސް ޤަބޫލްފުޅު ކުރައްވައިފި


ދިވެހިރާއްޖެއަށް ވަޑައިގަތުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ސްރިލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާއަށް ދެއްވި ދައުވަތު އެމަނިކުފާނު ގަބޫލްފުޅު ކުރައްވައިފިއެވެ.

ސްރީލަންކާގެ ރައީސް ރާއްޖެ ވަޑައިގަތުމަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދައުވަތު ދެއްވީ ސްރީލަންކާގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށްޓަކައި އެޤައުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މިދަތުރުފުޅުގެ ތެރެއިން އެޤައުމުގެ ރައީސް ސިރިސޭނާއާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި ރައީސް ސިރިސޭނާ ވަނީ ހުރިހާ ދާއިރާތަކުންވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގައި ސްރީލަންކާއިން ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ސްރީލަންކާގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސިރިސޭނަ ދެއްވި ދަޢުވަތުފުޅަކަށް ރައިސް ޞާލިޙް ސްރީލަންކާއަށް ފުރާވަޑައިގަތީ މިމަހުގެ ތިން ވަނަ ދުވަހުއެވެ. ރައީސް ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ސްރީލަންކާއަށް ވަޑައިގަތުމުން އެޤައުމުންވަނީ އެދެކަނަބަލުންނަށް ވަރަށް ހޫނުމަރްޙަބާއެއް ދަންނަވާފައެވެ.