ޚަބަރު

ބަންދުގައި ހުރި މީހަކަށް ފުލުހުން އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފި


ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔަ މީހަކަށް ފުލުހުން އަނިޔާކުރިކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބަލަމުންދަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައިހުރި މީހަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ އެކެވެ.

ފުލުހުން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ފުލުހުން އަނިޔާކުރިކަމަށް ބުނާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށާ އެމައްސަލަ ބަލައި ތަހުގީގު ކުރަމުންދާކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާއަށް އަނިޔާކޮށްފައިވަނީ ކިތައް ފުލުހުން ކަމެއް އަދި މިމައްސަލައިގެ އިތުރު ތަފްސީލް ފުލުހުން ހާމައެއް ނުކުރައްވައެވެ.

ފުލުހުންގެ ތެރޭގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް އަދި ފުލުހުންގެ އުސޫލުތަކާ ޚިލާފަށް ހިނގާ މައްސަލަތައް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭޑާޑްސް ކޮމާންޑުން ތަހުގީގުކޮށް އެފަދަ މައްސަލަ ތަކުގައި ކުށްވެރިވާ ފަރާތްތަކާމެދު އެފަރާތުން ދަނީ ފިޔަވަޅު އަޅަމުންނެވެ.