ޚަބަރު

މިދިޔަ 4 އަހަރު ތިމާވެށި ޙިމާޔަތް ކުރުމަށް ހޭދަކުރި މިންވަރު 6ގުނަ އިތުރު


ވޭތުވެދިޔަ 4 އަހަރު ތިމާވެށި ހިމާޔަތް ކުރަން ހޭދަކުރި މިންވަރު ހަގުނައަށް އިތުރުވެފައިވާކަމަށް އެންވަޔަރަމެންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ މައްސަލަތައް ޙައްލުކުރުމަށް ފަންޑު ހޯދުމަށް ބޭނުންވާ ދާއިރާތައް ކަނޑައެޅުމަށް ބާއްވާ މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މޫސުމީ ގެއްލުންތަކުގެ އަސަރު އެންމެ ބޮޑުވަނީ ރާއްޖެފަދަ ކުދި ޤައުމުތަކަށް ކަމަށެވެ. އެގޮތުން ހޫނު ގަދަވުމުގެ ސަބަބުން ފަރުތައް ހަލާކުވުމާއި، ކުނީގެ ސަބަބުން ގުދުރަތީ ވެއްޓަށްކުރާ ނޭދެވޭ އަސަރުތަކާއި، އަދި އެކިއެކި މަޝްރޫއުތައް ހިންގުމުގައި ތިމާވެއްޓަށް ލިބޭ ގެއްލުންތަކަށް މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.

"ވަރަށް ބޮޑު ހޭދައެއް ސަރުކާރުން އެބަކުރޭ ތިމާވެށި ޙިމާޔަތްކޮށް، ކާރުސާތައް ކުޑަކުރުމަށް ފިޔަވަޅުއެޅުމަށް. ފަރުތައް ޙިމާޔަތްކުރުން، ރަށްރަށުގައި ބޭރު ތޮށިލުން، ފެން، ނަރުދަމާ، ގޮނޑުދޮއް ޙިމާޔަތްކުރުން. މިކަމަށް މިދިޔަ ހަތަރު އަހަރު ހޭދަކުރި މިންވަތު 6%ވަނީ އިތުރުވެފައެވެ،" ޑރ. ޙުޞައިން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ މަޝްރޫޢުތަކަށް ޖީ.ސީ.އެފްގެ އެހީގައި 24މިލިއަން ޑޮލަރު މިހާތަނަށް ލިބިފައިވާކަމަށެވެ. މީގެތެރޭގައި ބޯފެން ރައްކާކުރާ ނިޒާމު ޤާއިމުކުރުމުގެ ބޮޑު މަޝްރޫޢުއެއްވެސް ހިމެނެއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިޤްތިސާދުގެ އެންމެ ބޮޑުބައި ޙިއްސާ ކުރާ ފަތުރުވެރިކަމަށްވެސް، އެންމެ މުހިންމީ ތިމާވެށި ރައްކާތެރި ގޮތުގައި ދެމެހެއްޓުން ކަމަށެވެ.

މި މަސައްކަތު ބައްދަލުވުމަކީ "ގްރީން ކްލައިމެޓް ފަންޑް" ޖީ.ސީ.އެފުން އެހީ ހޯދުމަށް، ކުރިއަށް އޮތް 5 އަހަރު ދުވަހަށް އިސްކަންދޭނެ ދާއިރާތައް ކަނޑައެޅުމަށް ބާއްވާ މަސައްކަތު ބައްދަލުވުމެކެވެ.

"ގްރީން ކްލައިމެޓް ފަންޑް" ޖީސީއެފްއަކީ ގުދުރަތީ ކާރިސާތައް ކުޑަކޮށް، ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަޤްވާމީ ޖަމިއްޔާއެކެވެ.

މި ޖަމިއްޔާއަށް ރާއްޖެއިން ކަނޑައަޅާފައިވާ އިދާރާ އެންވަޔަރަމަންޓު މިނިސްޓްރީން ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުމުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތަކާއި ގުޅޭގޮތުން، ކަމާއިގުޅޭ އިދާރާތަކުގެ ބައިވެރިންނާއިއެކު މަޝްވަރާކުރާނެއެވެ. އަދި މިފަދަ މައްސަލަތައް ޙައްލު ކުރުމަށް ޖީސީއެފްގެ އެހީ ލިބޭނެ ގޮތްތަކާއި ގުޅޭގޮތުން، އެ ޖަމިއްޔާގެ ފަރާތުން މަޢުލޫމާތު ދޭނެއެވެ.

ދެ ދުވަހަށް ކުރިއަށްގެންދާ މި ބައްދަލުވުމުގެ މަޤްސަދަކީ، މޫސުމީ މައްސަލަތަކުން ލިބޭ ގެއްލުން ކުޑަކޮށް، ޖީ.ސީ.އެފްގެ އެހީ ހޯދުމަށް، ރާއްޖޭގެ ފަރާތުން ކުރިއަށް އޮތް 5އަހަރު ދުވަހު އިސްކަންދޭނެ ދާއިރާތައް ކަނޑައެޅުމެވެ.