ކުޅިވަރު

މޮރާޓާގެ ފުރަތަމަ މެޗާއެކު ފުރަތަމަ ފަހަރަށް އެތްލެޓިކޯ ބަލިވެއްޖެ


ސްޕޭންގެ ފޯވަޑް އަލްވާރޯ މޮރާޓާ އެޓީމަށް ކުޅެދިން ފުރަތަމަ މެޗާއެކު މި ސީޒަނުގައި ފުރަތަމަ ފަހަރަށް އެތްލެޓިކޯ މެޑްރިޑް ލީގުގައި ބަލިވެއްޖެ އެވެ.

ރެއާލް ބެޓިސްއާ ވާދަކޮށް އެތްލެޓިކޯ ބަލިވީ 1-0އިންނެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ 65 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ސާޖިއއޯ ކެނާލެސް އެވެ.

މިއާއެކު ސްޕެނިޝް ލީގުގެ އެއްވަނާގައި އޮތް ބާސެލޯނާ ރޭ އެއްވަރުވުމުގެ ފައިދާ ނަގަން ލިބުނު ފުރުސަތު ވެސް ވަނީ ގެއްލިގެންގޮސްފަ އެވެ. ބާސެލޯނާ އަށް 50 ޕޮއިންޓް ލިބިފައިވާއިރު އެތްލެޓިކޯ އަށް ލިބިފައިވަނީ 44 ޕޮއިންޓެވެ.

މި ދެ ޓީމު މޮޅުނުވުމުގެ ފައިދާ އެންމެ ބޮޑަށް ލިބުނީ ވާދަވަރި ރެއާލް މެޑްރިޑަށެވެ. އަލަވެސް އަތުން މޮޅުވެ ރެއާލް ވަނީ 42 ޕޮއިންޓް ހަމަކޮށްފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އެތްލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއެގޯ ސިމިއޯނީ ބުނީ ގެއްލިގެން ދިޔަ ފުރުސަތު ހޯދުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އަލުން ފުރިހަމަ އަށް ތައްޔާރުވުން ކަމަށެވެ.

މި މެޗުން ބަލިވިއިރު ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވުމުން ހިތާމަ ކުރާ ކަމަށާއި ނަމަވެސް ފުޓްބޯޅައިގެ ކޮންމެ މެޗަކީ ގޯލު ޖެހޭނެ މެޗެއްނޫން ކަމަށް ގަބޫލުކުރަންޖެހޭ ކަމަށް ވެސް ކޯޗު ބުންޏެވެ.