ސިޔާސީ

އަހުމަދު މަޙްލޫފް ޕީޕީއެމުން ވަކިކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ގަލޮޅުދެކުނު ދާއިރާ ތަމްސީލްކުރައްވަމުންގެންދަވާ، އަދި  ޕީޕީއެމްގެ ޕާލަމެންޓްރީގްރޫޕާއި، ކައުންސިލްމެންބަރުންގެ ތެރޭގައިވެސް ހިމެނިވަޑައިގަންނަވާ އަހުމަދު މަޙްލޫފް ޕީޕީއެމުން ވަކިކޮށްފިއެވެ.ޕީޕީއެމްގެ ސްލޫކީ ކޮމެޓީން މިއަދު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެކޮމެޓީގެ މުޤައްރިރު އަލްޤާރީ އަލީ ވަހީދު ވިދާޅުވީ މަހްލޫފް އެޕާޓީން ވަކިކުރަން ނިންމާފައިވަނީ އެޕާޓީގެ މެމްބަރަކު އެކޮމެޓީއަށް ހުށައެޅި މަހްލޫފްގެ ސުލޫކީ މައްސަލައެއް ބެލުމަށްފަހުކަމަށެވެ.އަލީ ވަހީދު ވިދާޅުވީ މަހްލޫފާމެދު މިފިޔަވަޅު އަޅާފައިވަނީ  ބައެއް މީޑިޔާތައް މެދުވެރިކޮށް ސަރުކާރާ އަދި ރައީސުލްޖުމްހޫރިއްޔާއާ ބެހޭގޮތުން ދައްކަވާފައިވާ ވާހަކަފުޅުތަކާ ގުޅިގެންކަމަށެވެ.އަދި އިތުރު ފުރުޞަތުތަކެއް ދިނުމަކާނުލާ ޕާޓީން ވަކިކުރުމަށް ނިންމުމުގެ ބާރު ޕާޓީގެ އަސާސީ ޤަވާއިދުގެ ތެރޭން ލިބިދީފައިވާކަމަށާ، އަނެއްކޮޅުން އަދި މިނިންމުމަކީ މި މައްސަލައަށްބަލާ މިވަގުތަށް ކޮންމެހެން މުހިންމު ނިންމުމެއްކަމަށެވެ. އެހެންނަމަވެސް މި ނިންމުން އިސްތިއުނާފްކުރުމުގެ ފުރުޞަތު މަހްލޫފަށްވެސް ލިބިވަޑައިގަންނަވާނެކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.ޕީޕީއެމް އޮފީހުގެ ބޭރުގައި ހުންނަވާ މީޑިޔާއަށް މައުލޫމާތުދެއްވަމުން މަހްލޫފް ވިދާޅުވީ ރައީސް ޔާމީންއާ ބެހޭގޮތުން ދައްކަވާފައިވާ ވާހަކަތަކަކީ މަހްލޫފް އެކަމާބެހޭގޮތުން ދެކެވަޑައިގަންނަވާގޮތްކަމަށާ، ސަރުކާރު ހިންގާޕާޓީގައި ހުންނެވި ނަމަވެސް ސަރުކާރުން ނުރަނގަޅުކަމެއް ކުރާކަމަށް ޤަބޫލުކުރެއްވޭނަމަ އެވާހަކައެއް ދައްކަވާނެކަމަށެވެ.މަހްލޫފް ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބުދުލް ޤައްޔޫމް ރާއްޖެ ވަޑައިގެންނެވުމުން އެމަނިކްފާނާ މަޝްވަރާކުރެއްވުމަށްފަހު މައްސަލަ އިސްތިއުނާފްކުރައްވަން ހުށައަޅުއްވާނެކަމަށެވެ.ފަހަކަށްއައިސް މަހްލޫފް ގެންދަވަނީ ރާއްޖެޓީވީއާ ވީޓީވީގައި ރައީސް ޔާމީނަށާއި ސަރުކާރުން ކަންކަން ކުރާގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުންނެވެ.