ސިޔާސީ

ރާއްޖޭގެ ދާޚިލީ ކަންކަމަށް ބޭރުގައުމުތަކަށް ގޮތްކިޔައި ނުހެދޭނެ-


ރާއްޖޭގެ ދާޚިލީ ކަންކަމާ ގުޅޭގޮތުން ބޭރުގެ ބައެއް ގައުމުތަކުން ނެރެމުންދާ ބަޔާންތަކަކީ ވަކި ފަރާތަކުން ދައްކާ ވާހަކަަތައް އަޑުއަހައިގެން ނެރޭ ބަޔާންތަކެއްކަމަށާއި، އެކަމާއި ކަންބޮޑުވާކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.މިއަދު ޚާރިޖިއްޔާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ، ދިވެހި ރާއްޖެއަކީ މިނިވަން މުސްތަގިއްލު ޤައުމެއްކަމަށްވާއިރު، ރާއްޖޭގެ ދާޚިލީ ކަންކަމާއި ބޭރުގައުމުތަކަށް ގޮތްކިޔައި ނުހެދޭނެކަމަށެވެ. އަދި ރާއްޖެއިން މިހާތަނަށް ހުރިހާކަމެއްވެސް ކުރަމުން އަންނަނީ ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ ތެރެއިންކަމަށާއި، އެފަދަ ކަންތައްތަކަށް ބޭރުގެ ފަރާތްތަކަށް އިރުޝާދު ނުދެވޭނެ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.ރާއްޖޭގެ މަސްްރަހާއި ގުޅޭގޮތުން ކޮމަންވެލްތުން ނެރެފައިވާ ބަޔާނަށް ފާޑުވިދާޅުވަމުން ވަޒީރު ވިދާޅުވީ، ކޮމަންވެލްތަކީ ރާއްޖެއަށް މާ ބޮޑު އެހީތަކެއް ލިބޭ ބައެއް ނޫންކަމަށާއި، ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމާއި މެދު ދިވެހިން ފަހަކަށްއައިސް ސުވާލު އުފައްދަންފަށާފައިވާކަމަށެވެ.ދުންޔާ ވިދާޅުވީ، ކެނެޑާ އަކީ ކޮމަންވެލްތަށް ފަންޑްކުރާ އެއް ޤައުމަށްވީއިރު، ކޮމަންވެލްތް މެދުވެރިކޮށް، ރާއްޖޭގެ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވުމަށް ކެނެޑާއިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބައިނަލް އަޤްވާމީ ޖަމިއްޔާތަކާއި، ޤައުމުތަކުން ނެރޭ ހުރިހާ ބަޔާންތަކަކަށް ޖަވާބުދިނުމަށް ދިވެހި ޚާރިޖިއްޔާއިން ވަރަށް އަވަހަށް ބަޔާނެއް ނެރޭނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.ޚާރިޖީ ވަޒީރު ވިދާޅުވީ، ރާއްޖެއަކީ ބައިނަލް އަޤްވާމީ ދުނިޔޭގައި އިޙްތިރާމް ލިބިފައިވާ ޤައުމެއްކަމަށާއި، ކުދި ގައުމުތަކާއި އެހެނިހެން ގައުމުތަކާއެކު އޮތް ގުޅުންވެސް ރަނގަޅުކަމަށެވެ.ރައީސް ޔާމީންގެ ޚާރިޖީ ސިޔާސަތަށް ތައުރީފްކުރައްވާ ދުންޔާ ވިދާޅުވީ، ސަރުކާރުގެ ޚާރިޖީ ގުޅުންތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. އަދި އިންޑިއާއިންވެސް ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަންނާނެކަމުގެ ޔަގީންކަން އެބައޮތްކަންވެސް ޚާރިޖީ ވަޒީރު ދުންޔާ ފާހަގަކުރެއްވިއެވެ.