ޚަބަރު

އިންސިނަރޭޓަރތައް ބޭނުންކުރާނީ ރަނގަޅަށް ކުނި އުފުލަން ފެށުމުން - އެންވަޔަރަމަންޓް މިނިސްޓްރީ


ތިލަފުށީގައި ހުރި އިންސިނަރޭޓަރތައް ބޭނުން ކުރަން ނުފެށިގެން އުޅެނީ، ކުނި އުފުލޭނެ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ނެތުމުންކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިިއެވެ. މާލެއާއި މި ސަރަޙައްދުން ތިލަފުއްޓަށް އުފުލާ ކުނި އެންދުމަށް ތިލަފުށީގައިވަނީ ތިމާވެއްޓާ ރައްޓެހިކޮށް ކުނި އަންދާ 5 މެޝިން ބަހައްޓާފައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ތިލަފުށީގައި ހުރި އިންސިނަރޭޓަރތައް ޓެސްޓުކުރުމުގެ މަސައްކަތްވެސް ކޮށް ނިމިފައިވާކަމަށެވެ. ނަމަވެސް މެޝިންތައް މުޅިން ބޭނުންކުރަން ފެށޭނީ ކުނި ވަކިކޮށް ތިލަފުއްޓަށް އުފުލޭނެ ރަނގަޅު ނިޒާމެއް ޤާއިމުކުރެވިގެންކަމަށެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު މުރުތަޟާ ވިދާޅުވީ މިކަން ކުރުމަށް ބޭނުންވާ ވެހިކަލްތަކާއި، ބައެއް އިކުއިޕްމަންޓްތައް މިހާރު ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މި ވެހިކަލްތަކާއި، އިކުއިޕްމަންޓްތައް ލިބުނުހާ އަވަހަށް އިންސިނަރޭޓަރތައް ބޭނުންކޮށްގެން ކުނި އަންދަން ފަށާނެކަމަށެވެ. ތިލަފުށީގައި ބަހައްޓާފައިވާ 5 އިންސިނަރޭޓަރުން ދުވާލަކު 20 ޓަނުގެ ކުނި އެންދޭނެއެވެ.

"މެޝިންތައް ޓެސްޓްކުރި ނަމަވެސް ކުނި އުފުލޭނެ ރަނަގަޅު ނިޒާމެއް ނެތީމަ މެޝިން ބޭނުންކުރަން ނުފެށިގެން މިއުޅެނީ. މީގެ ބައެއް ބާވަތުގެ ކުނި ޕެކްކޮށްފައި ބެހެއްޓުމަށް ރެޕް ކުރާ 2 މެޝިންވެސްވަނީ ތިލަފުށީގައި ބަހައްޓާފަ" - އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު މުރުތަޟާ

މުރުތަޟާ ވިދާޅުވީ އިންސިނަރޭޓަރތައް ބޭނުންކުރަން ފަށާތާ 6 މަސް ތެރޭގައި ޖައްވަން ދުމާއި، ވިހަގޭސްތައް ބޭރުވާގޮތަށް ކުނި އެންދުން ހުއްޓާާލާނެކަމަށެވެ.