ޚަބަރު

ފިފްތް ޕަވަރ ޕްރޮޖެކްޓްގެ ދަށުން އަންނަ މަހު ހުޅުމާލެއަށް ކަރަންޓް ދޭން ފަށަނީ


ރާއްޖޭގައި ކުރިއަށް ގެންދާ ހަކަތައިގެ އެންމެ ބޮޑު މަޝްރޫޢު "ފިފްތް ޕަވަރ ޕްރޮޖެކްޓް" ގެ ދަށުން އަންނަ މާރޗް މަހު ހުޅުމާލެއަށް ކަރަންޓް ދޭން ފަށާނެކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ އަޙްމަދު ސައިފް ވިދާޅުވީ ފިފްތް ޕަވަރ ޕްރޮޖެކްޓްގެ ދަށުން ބަހައްޓާ އިންޖީނުތަކުން އަންނަ މާރިޗު މަހު ކަރަންޓް ދޭން ފެށޭނެކަމަށެވެ. އަދި މިމަހުގެ ތެރޭގައި ކަރަންޓްދޭން ފެށުމުގެ ގޮތުން އިންޖީނުތައް ޓެސްޓްކުރުމުގެ މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް ހިންގާ ހަކަތައިގެ އެންމެ ބޮޑު މަޝްރޫއު، ފިފްތް ޕަވަރ ޕްރޮޖެކްޓްގެ ދަށުން އެއްފަހަރާ 8.9 މެގަވޮޓުގެ ކަރަންޓް އުފައްދާ 6 ޖަނެރޭޓަރު މިހާރު ބަހައްޓާފައިވާކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ. ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ އަޙްމަދު ސައިފް ވިދާޅުވީ މި މަޝްރޫއުގެ ދަށުން ބަހައްޓާފައިވާ 5 ޖަނެރޭޓަރުގެ ޕާރފޯމަންސް ޓެސްޓް މިހާރު ހަދައިނިމިފައިވާކަމަށާއި، ބާކީހުރި ޖަނެރޭޓަރުގެ ޕާރފޯމަންސް ޓެސްޓް ނިމުމާއެކު އެންމެ ފަހުގެ ޓެސްޓްތައް ކުރަންފާށާނެކަމަށެވެ.

"މާލެ ސަރަހައްދުގައި މިހާރު ދުވާލެއްގެ މައްޗަށް 70 އާއި 80 އާ ދެމެދުގެ މެގަވޮޓް އުފެއްދޭ. އެއްއަހަރުން އަނެއްއަހަރަށް ކަރަންޓް ބޭނުންކުރާ މިންވަރު ދަނީ އިތުރުވަމުން. ހުޅުމާލެ ކެޕޭސިޓީއަށް ބަލާއިރު ގާތްގަނޑަކަށް 11 މެގަވޮޓުގެ ހުންނަނީ" ސައިފް ވިދާޅުވިއެވެ.

ރާއްޖޭގައި ހިންގާ ހަކަތައިގެ އެންމެ ބޮޑު މަޝްރޫޢު ހުޅުމާލޭގައި ކުރިއަށްގެންދާއިރު މި މަސައްކަތް އެއްކޮށް ނިމޭއިރު މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ޚިދުމަތް، ސިނަމާލެ ބުރިޖު މެދުވެރިކޮށް އެއް ވިއުގައަކުން ގުޅައިލެވޭނެއެވެ. ސްޓެލްކޯއިން ބުނީ ސިނަމާލެ ބުރިޖުން މާލެއާއި ހުޅުމާލެ ގުޅާލުމާއެކު ފިފްތް ފަވަރ ޕްރޮޖެކްޓަށް ކުރަންޖެހުނު ހޭދަ ވަރަށްބޮޑަށް ކުޑަވެގެންދިޔަކަމަށެވެ.

ރާއްޖޭގައި އޮތް އެންމެ އާބާދީ ބޮޑު ދެރަށުގެ ކަރަންޓުގެ ވިއުގަ ގުޅާލުމުގެ މަސައްކަތުގެ ތައްޔާރީތައްވެސް މިހާރު ވާންފަށާފައިވާކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ. ސްޓްލްކޯގެ ޖެނެރަލް މެނޭޖަރ އަޙްމަދު ސައިފް ވިދާޅުވީ މި މަޝްރޫއުގެ ބެއިސިކް ޑިޒައިން ހަދައި ނިމިފައިވާކަމަށެވެ. އަދި މިމަހުގެ ތެރޭގައި މިކަން ކުރުމަށް ބޭނުންވާ ސާމާނު ރާއްޖެ ގެންނާނެކަމަށާއި، މާލެ-ހުޅުމާލެ ކަރަންޓުގެ ޚިދުމަތް އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތް އަންނަ އަހަރު ނިމޭނެކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.

"މީގަ ދެ ކޭބަލްއެއް ލާނެ. ކޮންމެ ކޭބަލްއަކުން 100 މެގަވޮޓުގެ ކަރަންޓް ކެރީ ކުރެވޭނެ. ކުރިއަށް އޮތް 20 އަކަށް 30 އަކަށް އަހަރަށް މި ކޭބަލް ބޭނުންކޮށްގެން ކަރަންޓް ދެވޭނެ. މާލެއާއި ހުޅުމާލެ ކަރަންޓް އެއް ވިއުގައަކުން ގުޅާލުމަކީ ފޭސް އެކެއް. ފޭސް ދޭއްގައި ވިލިމާލެ، ތިލަފުށި، ގުޅީފަޅާ ގުޅާލުމަށް ގަސްދުކުރަނީ." ސައިފް ވިދާޅުވިއެވެ.

ފިފްތް ޕަވަރ ޕްރޮޖެކްޓަކީ 79 މިލިއަން ޑޮލަރުގެ އަގުހުރި މަޝްރޫއެކެވެ. ޗައިނާގެ ޑޮންގ ފަންގ އިލެކްޓްރިކް ކޯޕަރޭޝަނާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ ދަށުން 50 މެގަވޮޓްގެ ކަރަންޓް އުފައްދާ އިންޖީނުގެއަކާއެކު ތެޔޮ ރައްކާކުރާ ނިޒާމަކާއި، ލޮނުފެން މީރުފެނަށް ބަދަލުކުރާ ނިޒާމެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.