ޚަބަރު

ފުވައްމުލަކު ސިޓީ ސްކޫލް މަގުފުޅާކުރުމުގެ އަމަލީ މަސައްކަތް ފަށައިފި


ފުވައްމުލަކު ސިޓީ ސްކޫލުގެ މަގުފުޅާކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫއުގެ ދަށުން މަގުގައި ހިނގާމީހުންނަށް 5 ފޫޓް ފުޅާ ޕޭމެންޓެއްގެ އިތުރުން ޕާކިންޒޯނަކާއި، ސްކޫލުގެ ގޭޓް ކައިރީގައި ސެކިއުރިޓީ ޕޯސްޓެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު ނިމޭއިރު އެ މަގު މިހާރު ހުރިވަރަށްވުރެ 10 ފޫޓޫ ފުޅާވެގެންދާނެއެވެ.

ފުވައްމުލަކު ސްކޫލުގެ މަގަކީ ހަނި މަގެއްކަމުން، ކުދިން ސްކޫލަށް އަންނަ ވަގުތާއި ނިކުންނަ ވަގުތު ތަކުގައި މަގު ތޮއްޖެހުމުގެ ސަބަބުން އާންމުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހެއެވެ. މި މަގު ފުޅާކޮށްދިނުމަށްއެދި އާންމުންގެ ފަރާތުން ކައުންސިލަށް ހުށަހަޅާފައިވާއިރު، ފުވައްމުލަކު ސިޓީ ސްކޫލުގެ މަގު ފުޅާކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.

ޕީއެސްއެމަށް މައުލޫމާތު ދެއްވަމުން ސީޓީ ކައުންސިލްގެ ޑިރެކްޓަރ ޢަލީ މަސީހް ވިދާޅުވީ މި މަޝްރޫޢުގެ ބިޑް ކާމިޔާބް ކުރި ތިހުނާން އިންވެސްޓްމެންޓާއި މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 25 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ކަމަށެވެ.