ސިޔާސީ

ސިޔާސީ ބައެއް ފަރާތްތަކުން ފުލުހުންނަށް ފައިސާ ހުށަހަޅާ މައްސަލަ-


ސިޔާސީ ބައެއް ފަރާތްތަކުން ބައެއް ފުލުހުންނަށް ބޮޑެތި  އަދަދުތަކުން ފައިސާ ހުށައަޅަމުންދާ މައްސަލަ ބަލަމުންދާކަމަށް ފުލުހުން  ވިދާޅުވެއްޖެއެވެ.ސަލާމަތީ ކަންތައްތަކާއި ގުޅޭގޮތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން ސްޕްރިޓެންޑެންޓް އޮފް ޕޮލިސް، ހަމްދޫން ރަޝީދު ވިދާޅުވީ، ފުލުހުންނަށް ފައިސާގެ އެކި ހުށައެޅުންތައް ހުށަހަޅަމުންދަނީ ފުލުހުންގެ ތެރެއިން އެކި ކަންތައްތައް ކުރުމަށް ކަމަށާއި، އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ. ނަމަވެސް އެކަންކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.ހަމްދޫން ވިދާޅުވީ، މިހާރު މާލޭގައި ކުރިއަށްދާ މުޒާހަރާތަކުގައި ފުލުހުންނަށްވެސް އަނިޔާވެފައިވާ ކަމަށާއި، އެކަންތައްތައް ބަލުމުންދާކަމަށެވެ. މިގޮތުން ވަކި ވަކި ފުލުހުންނާއި ދިމާކުރުމުގެ އިތުރުން، ތިނަރާއި، ގޮތް ނޭންގޭ ދިޔާތަކެތި ރޭގެ މުޒާހަރާތެރޭގައިވެސް ގެންގުޅެފައިވާކަމަށް ހަމްދޫން ވިދާޅުވިއެވެ.ފުލުހުންގެ ސަފުތައް ރޫޅިފައިވާ ކަމަށްބުނެ، އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ދޮގުކުރައްވާ  ހަމްދޫން ވިދާޅުވީ، ފުލުހުންގެ ސަފުތައް އޮތީ ވަރަށް ބަދަހިކޮށް ކަމަށާއި، އެ ސަފުތައް ރޫޅާލުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ނުވާނެކަމަށެވެ.