ޚަބަރު

ސްރީލަންކާއަށް ކަނޑައެޅުއްވި ދިވެހި ސަފީރު އެ ޤައުމުގެ ރައީސަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި


ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢުމަރު ޢަބްދުލްރައްޒާޤު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ސްރީލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނައަށް އަރުވައިފިއެވެ. ޢުމަރު ޢަބްދުލްރައްޒާޤު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ސްރީލަންކާގެ ރައީސަށް އެރުވީ، އެކަމަށްޓަކައި ސްރީލަންކާގެ ޕްރެސިޑެންޓްސް ހައުސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތަށްފަހު ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ މުނާސަބަތުގައި ސްރީލަންކާގެ ރައީސް ސިރިސޭނަ ވަނީ ސަފީރަށް ތަހުނިޔާ ދަންނަވައި ރާއްޖެއާއި ސްރީލަންކާގެ ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސް ސިރިސޭނަގެ ވާހަކަފުޅުގައި، ސްރީލަންކާއަކީ އެތައް ހާސް ދިވެހިން އަމިއްލަ ވަޒަން ކަމުގައި ދެކޭ، ދިވެހިންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ސްރީލަންކާއާއި ދިވެހިރާއްޖޭގެ ގުޅުން، ޚާއްސަކޮށް އިންވެސްޓްމެންޓްގެ ދާއިރާއިން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި އެކަމަށް މަސައްކަތް ކޮށްދެއްވުމަށްވެސް ސަފީރުގެ އަރިހުގައި ވަނީ އެދިވަޑައިގެންފައެވެ.

ސަފީރުގެ ވާހަކަފުޅުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަރާތްޕުޅުން ސްރީލަންކާގެ ރައީސަށް ވަނީ ހެޔޮ އެދުމާއި ތަހުނިޔާ ދަންނަވާފައެވެ. އަދި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައި ދެޤައުމުގެ ދެމެދު އިޤްތިޞާދީ ގޮތުން މިހާރުވެސް ކުރިއަށްދާ ބޮޑެތި މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާ މިގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ސަފީރު ވަނީ ދެއްވާފައެވެ.

މީގެ އިތުރުން، ތަޢުލީމާ، ސިއްޙަތާ އަދި ވިޔަފާރީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވެސް ސަފީރު ވިދާޅުވިއެވެ. ޢުމަރު ޢަބްދުލްރައްޒާޤަށް ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވީ 20 ޖެނުއަރީ 2019 ގައެވެ.