ޚަބަރު

"މީތި ސަޅި" - ސަޅިކަމަކީ ޤާނޫނާއި ޤަވައިދަށް ހުރުމަތްތެރިކޮށް ހިތުން- މިނިސްޓަރ ނަހުލާ


މަގުމަތީގެ ރައްކާތެރިކަމަށް އާންމުން ހޭލުންތެރި ކުރުވުމަށް "މީތި ސަޅި" މިނަމުގައި ޓްރާންސްޕޯޓް މިނިސްޓްރީން ޚާއްޞަ ސައިކަލްބުރެއް ބާއްވައިފިއެވެ.

"މީތި ސަޅި" މި ނަމުގައި ބުރިޖު ހުރަސްކޮށް މާލެއިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކާއި ދެމެދު ކުރިއަށްގެންދިޔަ މި މިޙަރަކާތުގައި ޓްރާންސްޕޯޓް މިނިސްޓަރގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް އާއި ބައެއް ވަޒީރުންނާއި ސަރުކާރުގެ އެކި މުވައްސަސާތަކުގެ އިސް ފަރާތްތަކުގެ އިތުރުން އާންމުންވެސް ބައިވެރިވެފައިވެއެވެ.

މި ޙަރަކާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު މަޢުލޫމާތުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވީ، ކޮންމެ މީހަކީވެސް ފުރަތަމަ އެހީ ދޭން އެނގޭ ފަރާތްތަކަށް ވުމަކީ އެކްސިޑެންޓްތަކުން އަނިޔާލިބޭ ފަރާތްތަކުގެ ފުރާނަ ސަލާމަތްކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށެވެ. އަދި ކޮންމެ މީހަކުވެސް ފަރުދީ ޒިމްންމާ އަދާކޮށް ޤާނޫނާއި ޤަވާއިދަށް ހުރުމަތްތެރިކޮށް ހިތައިގެން ނޫނީ އެކްސިޑެންޓްތައް މަދު ނުކުރެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ހެލްމެޓްފަދަ ސަލާމަތީ ގިޔަރުތަކުގެ އެންމެ އެކަށޭނަ ބޭނުން ހިފުމަށްވެސް ގޮވާލައްވާފައެވެ. އަދި ކޮންމެ މީހަކީވެސް ފުރަތަމަ އެހީ ދޭން އިނގޭ މީހަކަށް ވުމަކީ މުހިންމު ކަމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ސަޅިކަމަކީ ޤާނޫނާއި ޤަވައިދަށް ހުރުމަތްތެރިކޮށް ހިތުން. ސަޅިކަމަކީ ޤަވައިދަށް ބޯލަނބާ ފުރާނަ ސަލާމްތްކުރުން. މިކަމުގައި އަޅުގަނޑުމެންގެ ފަރުދީ ޒިންމާ އިސްކޮށް ފުރާނަ ސަލާމަތްކުރަމާތޯ. މިއީ މުޅި ޤައުމުގެ މައްޗަށް އަޅުގަނޑުމެންނަށް އޮތް ވާޖިބެއް." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

"މީތި ސަޅި" ޙަރަކާތުގެ ދަށުން ހުޅުމާލޭ ސެންޓްރަލް ޕާކުގައިވެސް އާންމުން ހޭލުންތެރިކުރުމަށް ޙަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.