ސިނާމާލެ ބްރިޖް ހެދުމުގެ މަސައްކަތް ކުރިއިރު އެސަރަހައްދިގެ މޫދަށް އެޅިފައިވާ ކޮންކްރީޓާއި، ދަނގަނޑުފަދަ ކުނި މޫދުން ނަގައި، އެސަރަޙައްދުގެ މޫދާއި ކަނޑުގެ އަޑި ސާފުކުރުމުގެ މަސައްކަތުގެ %60 ނިމިފައިވާކަމަށް ބްރިޖުގެ މަސައްކަތްކުރި ޗައިނާގެ ސީސީސީސީ ސެކަންޑް ހަރބަރ އިންޖިނިއަރިންގ ކުންފުނިން ބުނެފިއެވެ.
ސިނަމާލެ ބްރިޖުގެ މަސައްކަތް މުޅިންނިންމައި ޢާންމުދަތުރުފަތުރަށް އެތަން ހުޅުވާލިނަމަވެސް، ބްރިޖުގެ މަސައްކަތްކުރި ޗައިނާގެ ސީސީސީސީ ކުންފުނިން އަދިވެސް ގެންދަނީ ބްރިޖް ހެދުމަށް ހަދާފައިއިވާ ބައެއް ސްޓްރަކްޗަރތައް ނެގުމާއި، އެ ސަރަޙައްދު ސަފުކުރުމާއި، ބްރިޖްގެ މެއިންޓަނަންސް މަސައްކަތްތައް ކުރުމުގައި ޙަރަކާތްތެރިވަމުންނެވެ.
އެކުންފުނިން ބުނެފައިވަނީ ބްރިޖް ހެދުމުގެ މަސައްކަތް ކުރުމަށް ހެދި ވަގުތީ ޕްލެޓްފޯމުގެ ތަނބުތަކުގެ ގޮތުގައި ކަނޑުގެ އަޑިއަށްޖެހި ދަގަނޑު ހޮޅިތައް ނެގުމުގެ މަސައްކަތް މިހާރު މުޅިން ނިމިފައިވާކަމަށެވެ. ވަގުތީ ޕްލެޓްފޯމް އެޅުމަށް އެ ސަރަޙައްދުގެ ކަނޑުގެ 50މީޓަރު އަޑިއަށް ޖެހި 60 ހޮޅި ނެގުމުގެ މަސައްކަތް މިހާރު ވަނީ މުޅިންނިމިފައެވެ.
ސީސީސީސީ ކުންފުނިން ބުނީ މިހާރު އެ ކުންފުނިން ކުރިއަށްގެންދަނީ، ބްރިޖްގެ ކޮންސްޓަރަކްޝަން މަސައްކަތްތައް ކުރިއަށްގެންދިއައިރު، އެ ސަރަޙައްދުގެ ކަނޑަށް އެޅުނު ދަގަނޑާއި ކޮންކްރީޓްގެ ބައިބައިފަދަ ކޮންސްޓްރަކްޝަން ކުނި ނަގައި، މޫދާއި ކަނޑު ސާފުކުރުމުގެ މަސައްކަތް ކަމަށެވެ. މިހާތަނަށް އެ ސަރަޙައްދުގެ ކަނޑުގެ އަޑީގެ 60% ސާފުކޮށް ނިމިފައިވާކަމަށް އެކުންފުނިން ބުނެއެވެ.
ޗައިނާގެ ކުންފުނިން ބުނެފައިވަނީ އެ ސަރަޙައްދުގެ ކަނޑު ފުންވުމާއި، އޮއިވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ބައެއް ހިސާބުތައް ސާފުކުރުމުގައި ދަތިތައް ހުރިކަމަށެވެ. އެހެންނަމަވެސް އެފަދަ ސަރަޙައްދުތައް ދެނެގަނެ، އެ ސަރަޙައްދުތައް ސާފުކުރުމުގެ މަސައްކަތް ކުރެވޭނެ ގޮތްތައް ބެލުމަށް ސްޓަޑީއެއް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެކުންފުނިން ބުނެއެވެ. މިސްޓަޑީ ނިންމައި، ވަރަށް އަވަހަށް ފުން ސަރަޙައްދުތައް ސާފުކުތުމުގެ މަސައްކަތްވެސް ފަށާނެކަމަށް އެ ކުންފުނިން ބުނެއެވެ.
ދާދިފަހުން ސޯޝަލް މީޑިއާގައިވަނީ ރާޅުގަނޑު ސަރަޙައްދުގެ ވެލިގަނޑަށް ކޮންކްރީޓް ހިލަ އަރަމުންދާ ފޮޓޯތަކެއް ދައުރުވެފައެވެ. އަދި މި މަސައްކަތް ކުރަމުންދާ ކުންފުނިން އެ ސަރަޙައްދު ސާފުކުރުމުގައި އިހުމާލުވާކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައި ވެއެވެ.
އަދި މީގެކުރިން އެ ސަރަޙައްދު މޫދުގައި ދަގަނޑާއި، ކޮންކްރީޓް ބައިތައް ހުރުމާއި ގުޅިގެންވެސް އެސަރަޙާއްދުގައި ރާޅާ އަޅާ މީހުންނާއި މޫދަށްއެރޭ މީހުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިކަމާއި ގުޅިގެން ސީސީސީސީ ކުންފުނިން ބުނީ އެސަރަޙައްދުގެ މޫދު ސާފުކުރުމަށް ދީފައިވާ ޓައިމްލައިނާ އެއްގޮތަށް މަސައްކަތް ކުރިއަށްގެންދާކަމަށެވެ. އަދި ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އެސަރަޙައްދަށް މޫދަށްއެރި އުޅުމަކީ ރައްކާތެރި ކަމަކަށް ނުވާތީ އެކަންވެސް އެ ކުންފުނިން މަނާކުރިއެވެ.
މިހާރުވެސް އެ ސަރަޙާއްދު ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާރީ މޭމަހުގެ ނިޔަލަށް ބްރިޖް ކައިރިއަށް މޫދަށް އެރި އެޅުމާއި، ބްރިޖް ކައިރިން ކަނޑު ދަތުރުކުރުން، ޕްލޭނިންގ މިނިސްރީންވަނީ މަނާކޮށްފައެވެ.