ވިޔަފާރި

2021 ވަަނަ އަހަރު އައުމުގެ ކުރިން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކްގެ ބޭނުންކުރުން ހުއްޓާލުމަކީ އަމާޒެއް- އޭޓީޕީ


2021 ވަނަ އަހަރު އައުމުގެ ކުރިން ރާއްޖެއިން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ނައްތާލުމަކީ އަމާޒެއްކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް ޕްރޮފެޝަނަލްސް، އޭޓީޕީގެ ރައީސް ޑރ. ސަނީ އުމަރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ސެވެންޓީ ފައިވް ޒީރޯ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އޭޓީޕީގެ ރައީސް ޑރ. ސަނީ އުމަރު ވިދާޅުވީ އޭޓީޕީގެ މަސައްކަތް ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވި ނަމަވެސް ޕްލާސްޓިކް ބޭނުންކުރާ އަދަދު މަދުކުރުމަށްޓަކައި އޭޓީޕީން 2014 ވަނަ އަހަރުން ފެށިގެން މަސައްކަތް ފަށާފައިވާކަމަށެވެ. މި މަސައްކަތުގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ބައެއް ރިސޯޓުތަކުގައި ހުއްޓާލެވިފައިވާއިރު އޭޓީޕީގެ އަމާޒަކީ 2020 ވަނަ އަހަރާއި ހަމައަށް ރާއްޖޭގެ ހުރިހާ ހިސާބަކުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކްގެ ބޭނުންކުރުން ހުއްޓާލުންކަމަށް ޑރ. ސަނީ އުމަރު ވިދާޅުވިއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން އެއްކޮށް ހުއްޓާލުމަކީ އޭޓީޕީގެ އަމާޒެކެވެ. ޑރ. ސަނީ އުމަރު ވިދާޅުވީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް މިހާރުވެސް ގާތްގަނޑަށް 5 ރިސޯޓުން އެޖަމިއްޔާއާއި އެކު ސޮއިކޮށްފައިވާކަމަށެވެ.
ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ދިމާވާ މައްސަލަތަކަށް ދިވެހިން ހޭލުންތެރިވެފައިވާ މިންވަރު ފާހަގަކުރައްވާ ވާހަކަދައްކަވަމުން ޑރ. ސަނީ އުމަރު ވިދާޅުވީ މި މައްސަލަ ހައްލުވާނީ އާންމުންގެ ފުރިހަމަ އެއްބާރުލުން މިކަމަށް ލިބިގެންކަމަށެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކަލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް އޭޓީޕީން ފަށާފައިވާ މަސައްކަތުގެ ދަށުން އެޖަމިއްޔާއިން ވަނީ، އެންވަޔަރަމެންޓް މިނިސްޓްރީ އާއި ބަދަލުކޮށް ގެސްޓް ހައުސްތަކާއި ރިސޯޓުތަކުގައި ޕްލާސްޓިކް ފުޅީގެ ބަދަލުގައި ބިއްލޫރި ފުޅި ބޭނުންކުރުމުގެ ހިޔާލު ހުށަހަޅާފައެވެ.

އަދި އެއްފަހަރު ބޭނުންކޮށްފައި އުކާލަންނުޖެހޭ އަދި ފަހުން ރީފިލްކުރެވޭ ފުޅި ބޭނުންކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމާއި ޕްލާސްޓިކް ކޮތަޅުތައް އުކާލެވޭ މިންވަރު މަދުކުރުމަށްޓަކައި ކޮތަޅުތަކުން އަގުނެގުމަށް ވެސް އެންވަޔަރަމެންޓް މިނިސްޓްރީއާއި އޭޓީޕީން މަޝްވަރާކޮށްފައިވެއެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް ޕްރޮފެޝަނަލްސް، އޭޓީޕީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި މަސައްކަތްކުރާ ޖަމިއްޔާއެކެވެ