ޓުއަރިޒަމް

ހަލާލް ޓުއަރިޒަމް ޕްރޮމޯޓުކޮށްގެން ރާއްޖޭގެ އިޤްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ - ޑރ ސަނީ


ހަލާލް ޓުއަރިޒަމްއަކީ ބޮޑު މާރކެޓެއް އޮތް ސެގްމެންޓެއްކަމަށާއި ހަލާލު ޓޫރިޒަމުން ރާއްޖޭގައި އިޤްތިސާދަށް ބޮޑު ފައިދާއެއް ހޯދިދާނެކަމަށް މޯލްޑިވްސް ގެޓަވޭޒްގެ ސީއީއޯ، ޑރ ހުސެން ސަނީ އުމަރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ސެވެންޓީ ފައިވް ޑިގްރީސް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވްސް ގެޓަވޭޒްގެ ސީއީއޯ، ޑރ ހުސެން ސަނީ އުމަރު ވިދާޅުވީ ހަލާލް ޓުއަރިޒަމަކީ ދުނިޔޭގައި ފުޅާދާއިރާއެއްގައި ކުރިއަރަމުން އަންނަ ސެގްމެންޓެއްކަމަށެވެ. މިގޮތުން މިދިޔަ އަހަރު އެކަނިވެސް ހަލާލް ޓުއަރިޒަމްގެ ޚިދުމަތްތައް ލިބޭ ތަންތަނަށް މުސްލިމުން ދަތުރުކޮށް، 150 ބިލިއަން ޑޮލަރު ކޮށްފައިވާކަމަށެވެ.
އިސްލާމިކް ޓޫރިޒަމްގެ ދާއިރާއިން މަތީތައުލީމު ހާސިލްކޮށްގެން ހުންނެވި، ޑރ ސަނީ ވިދާޅުވީ ރާއްޖޭގައި މިހާރުވެސް ހަލާލް ޓުއަރިޒަމް ހިންގުމަށް ބޭނުންވާ ގިނަ ޝަރުތުތަކެއް ފުރިހަމަ ވެފައިވާކަމަށެވެ. އަދި ހަމައެކަނި ތަފާތަކީ ހަލާލް ޓުއަރިޒަމްގެ ނަމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަން އިސްތިހާރު ނުކުރާކަންކަމަށްވެސް ސަނީ ވިދާޅުވިއެވެ.

"
އަޅުގަނޑުމެންގެ ރިސޯޓުތަކުގައި މުސްލިމް ފަތުރުވެރިންނަށް ބޭނުންވާފަދަ ހުރިހާ ކަމެއް މިހާރުވެސް ފުރިހަމައަށް އެބަހުރި. ކުދިކުދި ކަންތައްތަކެއް އިތުރުކޮށް، ހަރުދަނާކުރަންޖެހޭނީ. މިސާލަކަށް ރިސޯޓުތަކުގައި ޕްރައިވަސީ ލިބޭ، ވަކިން ހުންނަ ޕޫލްތައް ހުރޭ، ހަމައެކަނި ކުރަން އޮތްކަމަކީ ރާއްޖޭގައި ހަލާލް ޓުއަރިޒަމްގެ ޚިދުމަތްތައް ލިބޭކަން މެދުއިރުމަތީގެ މާރކެޓަށް ޕްރޮމޯޓުކުރަންވީ. އަޅުގަނޑުމެންނާއި ހަލާލް ޓުއަރިޒަމްއާއި ވަރަށް ބޮޑަށް ގުޅުން އެބައޮތް. މީގެ ސަބަނުން ރާއްޖޭގެ އިޤްތިސާދަށް ބޮޑު ކުރިއެރުމެއް އަންނާނެ
ޑރ ހުސެން ސަނީ އުމަރު، މޯލްޑިވްސް ގެޓަވޭޒްގެ ސީއީއޯ،

ޑރ ސަނީ ވިދާޅުވީ ރާއްޖޭގެ ބައެއް ރިސޯޓުތަކުން މިހާރުވެސް ހަލާލް ޓުއަރިޒަމް ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާކަމަށާއި، ބައެއް ރިސޯޓުތަކުގައި މިފަދަ ޚިދުމަތް ބޭނުންވާ ފަރާތްތަކަށް ހާއްސަ ވަކި ވިލާތަށް ހުންނާނެކަމަށެވެ. އަނެއްކޮޅުން ގެސްޓް ހައުސްތަކަކީ ހަލާލް ޓުއަރިޒަމްގެ ގިނަ ޝަރުތުތަކެއް ހަމަވާ ތަންތަންކަމަށް ސަނީ ވިދާޅުވިއެވެ.
ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން މިހާރު ކުރިޔަށް ގެންދާ ފަތުރުވެރިކަމުގެ ކޮންސެޕްޓާއި ހަލާލް ޓުއަރިޒަމް ސެގްމެންޓެއް އެކުގައި ކުރިޔަށް ގެންދިއުމަށް ފަސްޖެހޭކަމަށް ސަނީ ފާހަގަކުރިއެވެ. އަދި މެލޭޝިޔާއާއި އެހެން ޤައުމުތަކުންވެސް ހަލާލް ޓުއަރިޒަމް ސެގްމެންޓުތައް ތައަރަފްކޮށް، އާދައިގެ ޓުއަރިޒަމް ކޮންސެޕްޓާއެކު ޕްރޮމޯޓުކުރަމުންދާކަން ފާހަގަކުރައްވައި ސަނީ ވިދާޅުވީ ރާއްޖެއިންވެސް މިކަން ޕްރޮމޯޓުކޮށް ކުރިއަރުވަންޖެހެކަމަށެވެ.
ހަލާލް ނުވަތަ އިސްލާމިކް ޓުއަރިޒަމަކީ މުސްލިމުންނަށް ހާއްސަކޮށް އިސްލާމް ދީނުގެ އަސާސްތަކާއި ފުށުނާރާނެހެން، އެފަދަ އަސާސްތަކަށް އިސްކަންދީގެންފަތުރުވެރިކަމުގެ ޚިދުމަތްތައް ދިނުމެވެ. ހަލާލް ޓުއަރިޒަމް ކޮންސެޕްޓަށް ހިންގާ ތަންތަނުގައި ފަތުރުވެރިންނަށް ބޭނުންވާ އެކަހެރިކަމާއި، ހަލާލް ކެއުމާއި ބުއިންތައް ލިބެން ހުރުމާއި، ވަކި ޚިދުމަތްތައް ލިބެން ހުރެއެވެ.