ޚަބަރު

ޕްލާސްޓިކް މަދުކުރުމަށް "ފެހި ޙައްލު" ކެމްޕެއިން އެޗް.ޑީ.ސީން ފަށައިފި


އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ފެހި ޙައްލުގެ ނަމުގައި ކެމްޕެއިނެއް ފަށައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފެހި ހައްލު ނުވަތަ ގްރީން އިނިޝިއޭޓިވް ކެމްޕެއިން ލޯންޗްކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ނާސިރާއި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ޒިޔާން އަބްދުއްރަޙީމެެވެ.

ފެހި ހައްލު ކެމްޕެއިން ލޯންޗުކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަސީރު ވިދާޅުވީ، ރާއްޖެފަދަ ޖަޒީރާ ގައުމެއްގައި ޕްލާސްޓިކް ބޭނުންކުރުމުން ލިބޭ ގެއްލުން ބޮޑު ކަމަށާއި އެހެންކަމުން ޕްލާސްޓިކް ބޭނުންކުރުން ހުއްޓުމަށް ގިނަ ކަންތައްތަކެއް ކުރަންޖެހޭކަމަށެވެ. އަދި އަމާޒަކީ އަހަރެއްހާ ދުވަހުގެތެރޭގައި ސަރުކާރުގެ ހުރިހާ ކުންފުނިތަކުންނާއި އޮފީސްތަކުން ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުންކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ސްޓޭޓް މިިނިސްޓަރގެ ވާހަކަފުޅުގައި ރާއްޖެއިން ޕްލާސްޓިކް ފުޅި ބޭނުންކުރުން ދެމެހެއްޓެނިވި ގޮތެއްގައި މަދުކުރެވޭނީ އެމް.ޑަބްލިޔު.އެސް.ސީން ފޯރުކޮށްދޭ ފެނަށް ރައްޔިތުންގެ އިތުބާރު ޤާއިމުކުރެވިގެންކަން ފާހަގަކުރެއްވިއެވެ.

"އެމްޑަބްލިޔުއެސްސީއިން ފޯރުކޮށްދޭ ފެނަކީ ޑަބްލިއު އެޗްއޯގެ ސްޓޭންޑަރޑަށް ފިޓްވާ ފެން. އަދި މި ފެނުގެ ކޮލިޓީ އީޕީއޭއިން ޤަވައިދުން ބަލަމުންދޭ. އެހެންނަމަވެސް މި ފެނަށް އާންމު ރައްޔިތުންގެ އިތުބާރު ނެތްކަން ފާހަގަވޭ. ރާއްޖެއިން ޕްލާސްޓިކް ފުޅި ބޭނުންކުރުން ދެމެހެއްޓެނިވިގޮތެއްގައި މަދުކުރެވޭނީ އެމްޑަބްލިޔުއެސްސީއިން ފޯރުކޮށްދޭ ފެނަށް ރައްޔިތުންގެ އިތުބާރު ޤާއިމުކުރެވިގެން." ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނާސިރު ފާހަގަކުރެއްވިއެވެ.

އެޗްޑީސީން ފެށި ކެމްޕެއިންގެ ދަށުން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޕްލާސްޓިކް ފުޅިއާއި ކޮތަޅު ބޭނުންކުރުން ހުއްޓާލުމަށް ވަނީ އަމާޒުހިފާފައެވެ.

ޕްލާސްޓިކް ފުޅިއާއި ކޮތަޅު މަދުކުރުމަށް ޤައުމީ ފެންވަރުގައި ކެމްޕެއިންއެއް ފެށުމަކީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލްކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ މުހިއްމު މަސައްކަތެކެވެ. ޕްލާސްޓިކް މަދުކުރުމަށް ކުރިއަށްގެންދާ ކެމްޕެއިންގައި ސަރުކާރުގެ އިދާރާތަކުގެ އިތުރުން އަމިއްލަ ޖަމުއިއްޔާތަކާއި ރިސޯޓްތަކުންވެސް ދަނީ ބައިވެރިވަމުންނެވެ.