ޚަބަރު

"ޒީރޯ ޕްލާސްޓިކް ރަން" - ޕްލާސްޓިކް މަދުކުރުމުގައި މިސާލުދައްކައިދޭނަން - އައިސީއެސް


އިންސައިޓް ކޮންސަލްޓެންސީ ސަރވީސެސް، އައިސީއެސްއިން ބާއްވާ "ޒީރޯ ޕްލާސްޓިކް ރަން"އަކީ އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް މަދުކުރުމަށް ކުރާ މަސައްކަތުގެ މިސާލުދައްކުވައިދޭ ޙަރަކާތަކަށް ހެދާނެކަމަށް އެޖަމްޢިއްޔާއިން ބުނެފިއވެ.

މާދަމާ ހެނދުނު ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުން ފެށުމަށް ހަމަޖެހިފައިވާ މިޙަރަކާތުގެ ތައްޔާރީގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާ ޙިއްސާކުރައްވަމުން ޒީރޯ ޕްލާސްޓިކް ރަންގެ އެމްބެސެޑަރ، މަޝްހޫރު ދުވުންތެރިޔާ ފަރްހާން މުޙައްމަދު ވިދާޅުވީ، މި ޙަރަކާތަކީ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކާއި ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ދުވުމެއްކަމަށެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުން ފެށުމަށް ހަމަޖެހިފައިވާ ފަސް ކިލޯ މީޓަރުގެ މިދުވުމުގައި ދުވާ ޓްރެކްގެ އެކި ސަރަހައްދުތަކުގައި ޕްލާސްޓިކް ކަލެކްޝަން ޕޮއިންޓްތަށް ޤާއިމުކޮށް ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމަށް ނިންމާފައިވާކަން ފަރުހާން ފާހަގަކުރެއްވިއެވެ.

ފަރުހާންވަނީ "ޒީރޯ ޕްލާސްޓިކް ރަން"އަކީ ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމަށް ކުރާ މަސައްކަތުގެ މިސާލުދައްކުވައިދޭ ހަރަކާތަކަށް ހެދާނެކަމަށް ވިދާޅުވެފައެވެ. މިޙަރަކާތުން އެއްކުރާ ޕްލާސްޓިކް ރާއްޖޭގައި ރިސައިކަލްކުރުމުގެ މަސައްކަތްކުރާ ޕާލޭ މޯލްޑިވްސްއަށް ހަވާލުކޮށް ރިސައިކަލްކުރުމަށް ހަމަޖެހިފައިވާކަން ފަރުހާން ފާހަގަކުރެއްވިއެވެ.

"ފަސް ކިލޯމީޓަރުގެ މިދުވުމުގައި ކޮންމެ އުމުރުފުރާއެއްގެ މީހަކަށްވެސް ބައިވެރިވެވޭއިރު، މިދުވުމުގެ އެކި ހިސާބުތަކުގައި ސިންގަލް ޔޫސް ޕްލާސްޓިކް ކަލެކްޝަން ޕޮއިންޓްތަކެއްވެސް ބަހައްޓާފައިވާނެ. މި ހަރަކާތަށް އަންނައިރު ސާފުކޮށްފައިވާ ޕްލާސްޓިކްވެސް އަޅުގަނޑުމެން ބަލައިގަންނާނަން." ފަރުހާން ވިދާޅުވިއެވެ.

މިދުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމްވެސް ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.