ވިޔަފާރި

ހަންކެޑެ ތަރައްޤީކުރުމަށް ހަދާފައިވާ އެއްބަސްވުން ބާޠިލުކޮށްފި


ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން އައްޑޫ ސިޓީ ހަންކެޑެ ތަރައްޤީކުރުމަށްޓަކައި ޑޮލަރޓަން ޕްރައިވެޓް ލިމިޓެޑާއި ދެމެދުވެފައިވާ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން ބާތިލްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ 2016ވަނަ ޓޫރިޒަމް މިނިސްޓްރީއާއި ތޫޑު ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށް، 2011ގައި ހަންކެޑެއާގުޅޭ އެންމެހައި ޙައްޤުތައް ޑޮލަރޓަން ޕްރައިވެޓް ލިމިޓެޑަށް ބަދަލުކޮށްފައިވީނަމަވެސް، އެބިން އެއްވެސް މިންވަރަކަށް ތަރައްޤީކުރެވިފައިނުވާ ކަމަށެވެ. އެބިމުން ސަރުކާރަށް އަދި އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް މަންފާއެއް ނުލިބި ދިގު މުއްދަތެއް ފާއިތުވެގެން ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވަނީ އެ އެއްބަސްވުމުގައިވާ ގޮތުގެމަތިން ހޮޓާ ތަރައްޤީކުރެވިފައިނުވާ ކަމަށާއި، އެތަނުގެ ލީސް އެގްރީމަންޓާއި އެފަރާތުން ޚިލާފުވެފައިވާ ކަމަށެވެ. އެހެންކަމުން އެ އެއްބަސްވުމުން ޓޫރިޒަމް މިނިސްޓްރީއަށް ލިބިދީފައިވާ އިޙްތިޔާރުގެ ދަށުން، އެ މިނިސްޓްރީއާ ޑޮލަރޓަން ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުން ބާޠިލުކުރިކަން އަންގައި، 7 ދުވަހުގެ ނޯޓިސް އެފަރާތާއި މިއަދު ހަވާލުކުރެވިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.