ކުޅިވަރު

ޖެހިޖެހިގެން 3ވަނަ ފަހަރަށް ރެފްރީ ހުސެއިންއަށް ވޯލްޑް ޓުއަރ އިން ފުރުސަތު ލިބިއްޖެ


ޖެހިޖެހިގެން 3ވަނަ ފަހަރަށް ރާއްޖޭގެ ބީޗް ރެފްރީ ހުސެއިން މުޙައްމަދަށް އެފްއައިވީބީގެ ވޯލްޑް ޓުއަރ އިން ފުރުސަތު ލިބިއްޖެއެވެ. އެފްއައިވީބީގެ ވޯލްޑް ޓުއަރއިން ފުރުސަތު ލިބުނު ހުސެއިންއަކީ މިހާރު ރާއްޖޭގައި ހުރި ހަމައެކަނި އެކްޓިވް ބީޗްވޮޅީބޯޅަ އިންޓަނޭޝަނަލް ރެފްރީއެވެ. އެފްއައިވީބީގެ މުބާރާތަކަށް ރެފްރީން ހޮވަނީ އެފްއައިވީބީގެ ރެފްރީޒް ކޮމިޝަނުންނެވެ. ހުސެއިން މުޙައްމަދު ބުނީ ކޮންމެ އަހަރަކުވެސް އެފްއައިވީބީން، ރެފްރީން މުބާރްތަކަށް ހޮވާއިރު ރެފްރީންތައް ކުރީގެ މުބާރާތްތަކުގައި ދެއްކި ޕާފޯމަންސްއަށް ބަލާ، ރަގަނޅު ރެފްރީންނަށް މުބާރާތްތަކުން ފުރުސަތު ދޭކަމަށެއެވެ. މިފަހަރު މި ލިބުނު ފުރުސަތަކީވެސް މީގެ ކުރިން މުބާރާތުގައި އޭނާގެ ފަރާތުން ފެނުނު ކަންކަމަށް ބަލައި ލިބުނު ފުރުސަތެއްކަމަށް ހުސައިން ބުނެފިއެވެ. ވޯލީބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީގެ މަގާމްވެސް ކުރިން އަދާކުރި ހުސެއިން ބުނީ އެފްއައިވީބީގެ ވޯލްޑް ޓުއާރގައި ދުނިޔޭގެ އެންމެ މޮޅެތި ރެފްރީން އިންސާފް ކުރާނެކަމަށާއި މިފަދަ ފުރުސަތެއް ރާއްޖެފަދަ ކުޑަ ގައުމެއްގެ ރެފްރީއަކަށް ލިބުމަކީ ރާއްޖެއަށްވެސް ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމަށެއެވެ.
"އޭވީސީގެ މުބާރާތަކާއި ހިލާފަށް އެފްއައިވީބީ މުބާރާތްތަކަކީ އެންމެ މަތޫ ފަންތީގެ މުބާރާތްތަށް. އެމުބާރާތްތަކުގައި ފުނިޔޭގެ އެންމެ މަތީ ފަންތީގެ ރެފްރީން އޮފިޝަލްކަން ކުރާނެ. އެމީހުންގެ ފަރާތުން ވަރަށް ގިނަ އެއްޗެހި ދަސްވޭ. ދެ އޮލިންޕިކްސް ކޮށްފައި ތިބީ ރެފްރީންނާއި އެބަދިމާވޭ. ވޮލީގެ ވޯލްޑްކަޕްގައި ރެފްރީކަން ކުރާ މީހުންނާއި އެބަދިމާވޭ. މިއީ ބޯޗްގައި ކުރިއަށް ދިއުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް."
ހުސެއިން ބުނީ އޭވީސީ މުބާރާތްތަކުގައި އާންމު ގޮތެއްގައި ރެފްރީކަން ކުރާނީ އޭޝިޔާގެ ރެފްރީންކަމަށެއެވެ. މިސަރަހައްދުގައި ބީޗް ރެފްރީންގެ ތެރެއިން ހުސެއިންއަކީ ވަރަށް މަގުބޫލް ރެފްރީއެކެއެވެ.
ހުސެއިން ބުނީ ވޮލީ ބޯލް އެސޯސިއޭޝަނުން ބައިނަލްއަގްވާމީ މުބާރާތްތަކުން އޭނާއަށް ފުރުސަތު ހޯދައިދޭ ނުދޭކަން ފާހަގަކުރަމުން ހުސައިން ބުނީ މިއީ އަމިއްލަ ބުރަ މަސައްކަތުން ލިބުނު ފުރުސަތެއްކަމަށް. އަދި ރެފްރީކަން ކުރަން ލިބޭ ފުރުސަތުތަކުގައިވެސް އެސޯސިއޭޝަނުން އޭނާ ފޮނުވާފައިނުވާކަން ހުސައިން ފާހަގަކުރިއެވެ.
ބީޗް ރެފްރީ ހުސެއިން މުހައްމަދު މިފަހަރު ރެފްރީކަންކުރާ ވޯލްޑް ޓުއަރ އޮންނާނީ އޮސްޓްރޭލިއާގެ ސިޑްނީގައި، މާޗު ތިނަކުން އެގާރައަށެވެ. ހުސެއިން ވަނީ މިދިޔަ އަހަރުގެ އޭޝިއަން ގޭމްސް އާއި 2014 ވަނަ އަހަރާއި 2016ވަނަ އަހަރުގެ އޭޝިއަން ބީޗް ގޭމްސްގައި ވެސް ރެފްރީކަންކޮށްފައެވެ.