ޚަބަރު

އަމީނިއްޔާ ސްކޫލްގެ އިހުގެ ދަރިވަރުންގެ ބޮޑު ބައްދަލުވުމެއް ބާއްވައިފި


އަމީނިއްޔާ ސްކޫލަށް 75 އަހަރުން ފުރުން ފާހަގަކުރުމަށް، އެސްކޫލްގެ އިހުގެ ދަރިވަރުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރޭ އަލިމަސް ޔޫބިލް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާނެ ގޮތާ ގުޅޭގޮތުން އެސްކޫލްގެ އިހުގެ ދަރިވަރުންގެ ޚިޔާލު ހޯދުމަށް ބޭއްވި މި ބައްދަލުމުގައި، އެ ސްކޫލުން ކިޔެވި އެތައް ސަތޭކަ ދަރިވަރުން ބައިވެރިވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސްގެ އަނބިކަނބަލުންނާއި، އެޑިއުކޭޝަން މިނިސްޓަރަކީވެސް އަމީނިއްޔާ ސްކޫލްގެ އިހުގެ ދަރިވަރުންނެވެ.

މި ބައްދަލުވުމުގައި އަމީނިއްޔާ ސްކޫލްގެ އަލިމަސް ޔޫބިލް ފާހަގަ ކުރުމަށް ޚާއްޞަ ލޯގޯއެއް އިފްތިތާޙްކޮށްފައިވެއެވެ. މި ލޯގޯ ފަރުމާކޮށްފައިވަނީ އަމީނިއްޔާ ސްކޫލް ލޯގޯ ހިމަނައިގެން، އަލިމަސް ޔޫބިލް ތަމްސީލުކޮށްދޭގޮތަށެވެ. މި ލޯގޯއަކީ އެ ސްކޫލްގައި ބޭއްވި ލޯގޯ ފަރުމާކުރުމުގެ މުބާރާތުން އެއްވަނަ ހޯދި 9-އެފްގެ ދަރިވަރު ނުފައިލް އަޙްމަދު ފަރުމާކޮށްފައިވާ ލޯގޯއެކެވެ. މި ބައްދަލުވުމުގައި ނުފައިލްއަށް މުބާރާތުން އެއްވަނަ ލިބުނުކަމުގެ ލިޔުމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. ލޯގޯ ފަރުމާކުރުމުގެ މުބާރާތުން އެންމެ މޮޅު 5 ދަރިވަރުންނަށްވެސް މި ބައްދަލުވުމުގައި އިނާމު ދީފައިވެއެވެ.

އަމީނިއްޔާ ސްކޫލުގެ އަލިމަސް ޔޫބިލް ފާހަގަކުރުމުގެ ހަރަކާތްތައް ރޭވުމަށް ބޭއްވި މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސްކޫލްގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ވިދާޅުވީ އަލިމަސް ޔޫބިލް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތައް ކަނޑައަޅާނީ އިހުގެ ދަރިވަރުންނާއި، މުދައްރިސުންނާ މަޝްވަރާ ކުރުމަށްފަހުކަމަށެވެ. އަދި މި ހަރަކާތްތައް މުޅި އަހަރަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށާއި، އަމީނިއްޔާ ސްކޫލަކީ އެތައް ދަރިވަރުންތަކެއްގެ ހަނދާންތަކާ ގުޅިފައިވާ ސްކޫލަކަށްވާތީ، ހުރިހާ ހަރަކާތްތަކެއްވެސް ކުރިއަށްގެންދާނީ އެ އެންމެންނަށްވެސް ބައިވެރިވެވޭގޮތަށްކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

"މިދިޔަ 75 އަހަރު ކިޔެވި ދަރިވަރުންނަށްވެސް ހަރަކާތްތަކުގައި ބައިވެރިވެވޭނެ. މުޅި އަހަރަށް ބަހައިލައިގެން އިވެންްޓްތައް ގެންނަން. އަހަރީ ދުވަސް އަންނަނީ ނޮވެމްބަރު ސްކޫލްބަންދުގައި ނަމަވެސް އޭގެކުރިން ހަރަކާތްތައް ހިންގާނަން." ނާޒްލީން ވިދާޅުވިއެވެ.

އަމީނިއްޔާ ސްކޫލްގެ އިހުގެ ގިނައަދަދެއްގެ ދަރިވަރުން ބައިވެރިވި މި ހަރަކާތުގައި އެ ސްކޫލްގެ އަލިމަސް ޔޫބިލް ލަވަވެސްވަނީ އިފްތުތާޙްކޮށްފައެވެ. އަމީނިއްޔާ ސްކޫލްގައި ކިޔަވައިދޭން ފަށާފައިވަނީ 1944 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. މިއަހަރުގެ ނޮވެމްބަރު 28 ގައި އެ ސްކޫލަށް 75 އަހަރު ފުރޭނެއެވެ.