ޚަބަރު

އެންގުމާ އެއްގޮތަށް ހުޅުމާލޭ ގޮނޑުދޮށުގައި ހުރި ކެފޭތައް މާދަމާ ނަގާނަން - އެޗްޑީސީ


އެޗްޑީސީން ކުރިން އަންގާފައިވާ އެންގުމާ އެއްގޮތަށް ހުޅުމާލޭ އިރުމަތީ ފަރާތު ގޮނޑުދޮށުގައި ކެފޭ، ރެސްޓޯރެންޓްތަކާއި ވިޔަފާރިތައް ނެގުމުގެ މަސައްކަތް މާދަމާ ފަށާނެކަމަށް އެކުންފުނިން ބުނެފިއެވެ. އެޗްޑީސީން ބުނީ ގޮނޑުދޮށާއި ހޭޅިފަށުގައި ކެފޭ، ނުވަތަ އެހެނިހެން އެއްވެސް ވިޔަފާރިއެއް ހިންގުމުގެ ހުއްދަ އެ ކޯޕަރޭޝަނުން ދޫކޮށްފައި ނުވާކަމަށެވެ.

މިދިޔަ ޑިސެމްބަރުމަހުގެ 24 ވަނަ ދުވަހު އެޗްޑީސީން ވަނީ ހުޅުމާލޭ އިރުމަތީ ފަރާތު ގޮނޑުދޮށުގައި ހުރި ކެފޭ ރެސްޓޯރެންޓްތަކާއި، ވިޔަފާރިތަށް ޖެނުއަރީ 31 ވަނަ ދުވަހުގެ ނިޔަލަށް ހުސްކުރުމަށް އަންގާފައެވެ. އަދި މި މުއްދަތާ ހަމައަށް ގޮނޑުދޮށުގައި ހުރި ވިޔަފާރިތައް ނުނަގައިފިނަމަ އެދުވަހުންފެށިގެން އެތަންތަން ހުސްކުރުމުގެ މަސައްކަތް ފަށާނެކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ބުނީ ކުރިން އެންގި އެންގުމާ އެއްގޮތަށް މާދަމާއިން ފެށިގެން އެތަން ހުސްކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ.

ހުޅުމާލޭ ގޮނޑުދޮށުގައި ހުރި ވިޔަފާރިތައް ނެމަށް އެޗްޑީސީން ނިންމާފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ މަޝްވަރާއާއެކު، ހުޅުމާލޭ ބީޗަކީ ޢާންމުންނަށް އެންމެ އަކަށީގެންވާ ގޮތެއްގައި ބޭނުންކުރެވޭ ތަނަކަށް ހެދުމުގެ ބޭނުމުގައެވެ.

"
"މޫދަށް އެރި އުޅުމާއި، ދަތުރުދިއުމާގުޅޭ ވިޔަފާރިތައް ކުރުމަށް ސަޕޯޓްދެން. ގޮޑި ޖަހާލައިގެން ސައި ބޭއްވުން ކަހަލަ ކަންކަން ކުރިއަށް ގެންދެވޭނެ. ބޭނުންވަނީ ބީޗް ބޭނުންކުރާ ފަރާތްތަކަށް އެންމެ ފުރިހަމައަށް އެ ސަރަހައްދު ބޭނުންކުރެވޭނެ މަގު ފަހިކޮށްދިނުން."
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވީ މި ތަންތަން ހުސްކުރުމާ ގުޅޭގޮތުން އެ ސަރަަޙައްދުގައި ކެފޭ ހިންގާ ފަރާތްތަކާއި މަޝްވަރާކޮށްފައިވާކަމަށެވެ. ސުހައިލް ވިދާޅުވީ ބީޗް ފަޅީގައި ގެސްޓް ހައުސްތަކާއި، ކެފޭތަކުން ގޮނޑިޖަހާލައިގެން، ސައިދިނުން ފަދަ ކަންކަން ކުރުން އެޗްޑީސީން މަނާ ނުކުރާނެކަމަށެވެ. ނަމަވެސް އެތަނުގައި އިމާރަތްތާކާއި، ބަދިގެތައް އަޅައިގެން ވިޔަފާރި ކުރުމުގެ ހުއްދަ ނުދޭނެކަމަށް އެނާ ވިދާޅުވިއެވެ. ސުހައިލް ވިދާޅުވީ މިގޮތަށް ބަދަލުގެނައުމަށް ނިންމީ ކެފޭތައް ހިންގާ ފަރާތްތަކާއި، އަދި ދަތުރުދިއުމާއި، ހިތްފަސޭހަ ކޮށްލުމަށް އެސަރަޙައްދަށްދާ ފަރާތްތަކުގެވެސް ފައިދާއަށް ބަލައިގެންކަމަށެވެ.

އެޗްޑީސީން ބުނީ އެކުންފުނިން ކުރިން ދީފައިވާ ނޯޓިސްއާ އެއްގޮތަށް ވިޔަފާރިތައް ނެގުމުގެ މަސައްކަތް ކުރާއިރު ލިބޭ ގެއްލުމަކަށް އެކުންފުނިން ޒިންމާ ނުނަގާނެ ކަމަށެވެ. ހުޅުމާލެ އިރުމަތީ ފަރާތު ގޮނޑުދޮށާއި ހޭޅިފަށުން ގަސްތައް ކޮށައި ހަޓު، ގޮނޑި އަދި މޭޒު ބަހައްޓައިގެން، ޓެސްޓޯރެންޓާއި ކެފޭތަކާއި، ގާޑިއާއި އަދި މޫދުކުޅިވަރުގެ ވިޔަފާރިތައް ގެންދަނީ ހިންގަމުންނެވެ.