ޚަބަރު

ކަރަންޓް ކެނޑޭ ޙާލަތުގައި ހަކަތަ ފޯރުކޮށްދޭ ނިޒާމުގެ މައްސައްކަތް ވަނީ ނިމިފައި - މަލީހް


ކުއްލިއަކަށް ކަރަންޓް ކެނޑޭ ޙާލަތުގައި ޢާއްމު ޚިދުމަތްދޭ މުއައްސަސާތަކުގެ ޚިދުމަތްތައް ހުއްޓުނަނުދިނުމަށްޓަކައި، ހަކަތަ ފޯރުކޮށްދޭ ނިޒާމު، އަންއިންޓްރަޕްޓިބަލް ޕަވާ ސަޕްލައި(ޔޫޕީއެސް) އަޕްޑޭޓްކޮށް ނިމިފައިވާކަމަށް ނިމިފައިވާކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މަލީހް ޖަމާލް ވިދާޅުވީ، ކުއްލިއަކަށް ކަރަންޓް ކެނޑުނު ނަމަވެސް ޢާއްމު ޚިދުމަތްދޭ ސަރުކާރުގެ އިދާރާތަކުގެ އެއްވެސް ޚިދުމަތެއް ހުއްޓުމެއްނެތި ދިނުމަށްޓަކައި ހަކަތަ ފޯރުކޮށްދޭނެ ނިޒާމެއް ޤާއިމްކުރުން މާބޮޑަށްވެސް ލަސްވެފައިވާ ކަމަށެވެ. އެނިޒާމް ޤާއިމް ކުރުން ކަނޑައެޅިފައިވާ މުއްދަތަށްވުރެ ދެއަހަރަށްވުރެ ގިނަދުވަސް ލަސްވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު އެނިޒާމް އަޕްގްރޭޑްކޮށް މުޅިން ފުރިހަމަކުރެވިފައިވާކަމަށް މިނިސްޓަރ މަލިހު ވިދާޅުވިއެވެ.

"ރާއްޖޭގެ ޑޭޓާ ސެންޓަރު މިތާ ހިންގާއިރު. ޑޭޓާ ބޭހުގެ އެންމެ މުހިންމު ބަޔަކީ މާލޭއިން ކަރަންޓް ކެނޑޭ ހާލަތުގައި ސަރުކާރުން ފޯރުކޮށްދޭންޖެހޭ އެއްވެސް ޚިދުމަތެއް އެއްވެސް ކަހަލަ ހުއްޓުމެއްނެތި ފޯރުކޮށްދިނުން. އެއީ އެންސީއައިޓީގެ ޒިންމާއެއް." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެޚިދުމަތް އެންމެ ރަނގަޅަށް ފޯރުކޮށްދިނުމަށް އެންމެ މުހިންމު އެކައްޗަކީ ޑޭޓާ ބޭސްކަމަށާ، ކަރަންޓް ކެނޑި ޚިދުމަތަށް ބުރޫނާރާނޭހެން އެންސީއައިޓީގެ މުއައްޒަފުން އެލާޓްގައިތިބެ ޚިދުމަތް ފޯރުކޮށްދިނުމަކީ ފާހަގަ ކުރަންޖެހޭ ކަމެއްކަމަށް މިނިސްތަރ މަލިޙް ވިދާޅުވިއެވެ.

"ޔޫޕީއެސްގެ އަޕްޑޭޓްގެ ސަބަބުން ރާއްޖޭގެ އީ-ގަވަނަންސްގެ ނިޒާމް އިތުރަށް ހަރުދަނާވެގެން ގޮސްފި. އޭގެ ސެކިއުރިޓީ އިތުރަށް ކަށަވަރުވެއްޖެ. ޚިދުމަތް މެދުނުކެނޑި ދެވޭނެ ކަމުގެ ޔަގީންކަން ލިބިއްޖެ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ހައުސިންގް ފްލެޓްތަކަށް އެދޭ ފަރާތްތަކަށް ކިޔުގައި ނުޖެހި އޮންލައިންކޮށް ފޯމު ހުށަހެޅޭނެ އިންތިޒާމް ހަމަޖެއްސުމަށް ތައްޔާރުކުރި އެޕްލިކޭޝަންގެ މަސައްކަތްވެސް ނިމުމަކާ ގާތަށް ގޮސްފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރު ކޮންމެ ހަފްތާއަކު ބާއްވަމުންއަންނަ ހަފުތާރެސް ޕްރޮގްރާމުގެ އެޕްލިކޭޝަންވެސް ތައްޔާރުކޮށްދީފައިވާކަމަށާއި ހަމައެއާއެކު އޮންލައިންކޮށް ހައުސިންގް ފްލެޓްތަކަށް ފޯމް ހުށަހެޅޭނެ އެޕްލިކޭޝަނުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ހައުސިން މިނިސްޓްރީގައި ކިއުގައި ނުޖެހި ރައްޔިތުންނަށް ހައުސިންގެ އެޕްލިކޭޝަން ފޯމްތައް ލެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ބޭނުންވާ، އެމަސައްކަތުގެ 95 އިންސައްތަ މަސައްކަތް މިވަނީ ނިމިފަ." މަލީހް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރު ކުރިއަށް ދަނީ އެއެޕްލިކޭޝަންގެ ފަހުގެ މަސައްކަތްތައް ކަމުން ކައިރި މުސްތަގުބަލެއްގައި އެކަން ނިންމައި ރައްޔިތުންނާ ހަމައަށް އެޚިދުމަތް ފޯރުކޮށް ދެވޭނެކަމަށެވެ. އަދި ގެސްޓް ހައުސް ވިޔަފާރި ހިންގާ ރަށްރަށަށް އަމާޒުކޮށް ތައްޔާރުކުރާ ވެބްސައިޓްގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާ އެމަސައްކަތްވެސް އަންނަ މާރޗްމަހު ނިންމާލެވޭވަރު ވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުންދޭ ބައެއް ޚިދުމަތްތަކަށް އޮންލައިންކޮށް އެދެވޭނެ ނިޒާމެއް ޤާއިމު ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުއެވެ. ކިއުގައި ނުޖެހި އޮންލައިންކޮށް ފްލެޓަށް ފޯމް ހުށަހެޅޭނެ ނިޒާމެއް ގާއިމް ކުރުމަކީ ރައީސް ޞާލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ހައުސިން މިނިސްޓްރީއަށް ފުރިހަމަކުރަން ހަވާލުކޮށްފައިވާ ވަޢުދެކެވެ.