ޚަބަރު

އެކްސިޑެންޓްތައް މަދުކުރުމަށް ޚާއްޞަ ހަރަކާތްތަކެއް ހިންގަނީ


މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކޮށް، އެކްސިޑެންޓްތައް މަދުކުރުމަށް ޚާއްޞަ ހަރަކާތެއް ހިންގުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ހަރަކާތުގައި ސައިކަލު ބުރެއް ބޭއްވުމާއި، ފަސްޓް އެއިޑް ޕްރޮގްރާމެއް އިފްތިތާޙްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އެކްސިޑެންޓްތައް މަދުކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ޢާންމުން ހޭލުންތެރިކުރުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންނަ ހުކުރު ދުވަހު ބާއްވާ ހަރަކާތްތަކުގެ ތެރެއިން ބޮޑު ހަރަކާތެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ "މީތި ސަޅި" ގެ ނަމުގައި ބާއްވާ ޚާއްޞަ ސައިކަލު ބުރެކެވެ. މި ސައިކަލު ބުރު އޮންނާނީ ބޮޑުތަކުރުފާނު މަގުން ފެށިގެން ހުޅުމާލެ ސެެންޓްރަލް ޕާރކާ ހަމައަށެވެ. މި ސަކައިލު ބުރަކީ އުޅަނދުތައް ދުއްވުމުގައި ޓްރެފިކް ގަވައިދުތަކަށް އަހުލުވެރިކުރުމާއި، އެކްސިިޑެންޓްތައް މަދުކުރުމަށް ފަރުދީގޮތުން މަސައްކަތް ކުރުމަށް ބާރުއެޅުމަށް ބާއްވާ ސައިކަލު ބުރެއްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ. މިނިސްޓަރ އޮފް ޓްރާސްންޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ބައިވެރިވެވަޑައިގަންނަވާ މި ސައިކަލު ބުރުގައި، ސަރުކާރު އޮފީސްތަކާއި ގިނަ އަދަދެއްގެ އާއްމުން ބައިވެރިވެރިވާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރިއިން ބުނެއެވެ.

މީގެއިތުރުން ހުޅުމާލޭ ސެންޓަރލް ޕާކުގައިވެސް މިކަމަށް ހޭލުންތެރިކުރުމަށް ހަރަކާތެއް ހުކުރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގައި އުޅަނދުތައް ދުއްވުމުގައި ރައްކާތެރިވުމާއި ގުޅޭގޮތުން ޝިއާރުތަކާއި، ފޮޓޯ ޑިސްޕްލޭކުރުމަށް ހަމަޖެހިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތުދެއެެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޓްރާންސްޕޮޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލް ވިދާޅުވީ މި ހަރަކާތުގެތެރެއިން އެކްސިޑެންޓްތަކުގައި ފުރަތަމަ އެހީ ދިނުމަށް މީހުން އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް އިފްތިތާޙްކުރުމަށްވެސް ހަމަޖެހިފައިވާކަމަށެވެ. ކޮންމެ މީހަކަށްވެސް ބައިވެރިވެވޭގޮތަށް ހުޅުވާލާ ފަސްޓް އެއިޑް ޕްރޮގްރާމަކީ ސިއްޙީ ޙާލަތު ގޯސްވެެއްޖެނަމަ، ހޮސްޕިޓަަލަށް ގެންދިއުމުގެ ކުރިން ދެވޭނެ އެކިއެކި ފަރުވާތަކާއި، އެހީތަކާއި ގުޅޭގޮތުން މީހުން ތަމްރީން ކުރުމަށް ބާއްވާ ޕްރޮގްރާމެކެވެ. މިފަދަ ޙާލަތްތަކުގައި ފަރުދުންގެ ޒިންމާ އިތުރުކުރުމަށް ހިންގާ މި ޕްރޮގްރާމްގައި ތަމްރީންދޭނީ ވޮލަންޓަރީ ޑޮކްޓަރުންކަމަށް މިނިސްޓްރީއިން ބުނެއެވެ. މި ޕްރޮގްރާމްގައި ވީހާވެސް ގިނަ ޒުވާނުންނާއި ޢާއްމުން ބައިވެރިވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެދެއެވެ.

އެކްސިޑެންޓްތައް މަދުކުރުމަށް މީހުން ހޭލުންތެރިކުރުވުމަށް ހިންގާ މި ހަރަކާތްތަކަކީ ފަހަކަށް އައިސް އެކްސިޑެންޓްތައް ގިނަވެ މީހުންގެ ފުރާނައަށް ގެއްލުންވުމާއި، ބޮޑެތި އަނިޔާވަމުންދާތީ، ގަވައިދުތަކަށް މީހުން އަހުލުވެރިކޮށް އެކްސިޑެންޓްތައް މަދުކުރުމަށް މަސައްކަތް ކުރުމަށް މިނިސްޓްރީން ރާވާފައިވާ ހަރަކާތްތަކެކެވެ. މިއީ ޓްރާންސްޕޯޓް މިނިސްޓްރީއާއި، ޕުލުހުންނާއި، އެމްއެންޑީއެފާއި، ޔޫތް މިނިސްޓްރީ ގުޅިގެން އިންތިޒާމުކުރާ ހަރަކާތްތަކެކެވެ.