ޚަބަރު

މާލޭގައި އިންދުމަށް 2700 ގަސް ސިޓީ ކައުންސިލާ ހަވާލުކޮށްފި


މާލޭ ސިޓީ ފެހިކުރުމަށް ބޭނުންވާ 2700 އަށްވުރެ ގިނަ ގަސް އެންވަޔަރަމަންޓް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފިއެވެ. މާލޭ ސިޓީ ފެހިކުރުމުގެ މަސައްކަތަކީ ސަރުކާރުން ފައްޓަވާފައިވާ މުޅި ރާއްޖެ ފެހިކުރުމުގެ ޤައުމީ ކެމްޕެއިންގެ ދަށުން ކުރަމުންދާ މަސައްކަތެކެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގު ހިމެނޭހެން މާލޭ ސިޓީގެ އެކި ތަންތަނުގައި ގަސް އިންދައި ފެހިކުރުމަށް ބޭނުންވާ ގަސް މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަނެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދެވެ. އެންވަޔަރަމަންޓް މިނިސްޓްރީން މާލޭގެ މަގުތަކުގައި އިންދުމަށް ސިޓީ ކައުންސިލަށް ހަދިޔާކުރި 2700 އަށްވުރެ ގިނަ ގަހަކީ ރާއްޖެއިން ބޭރުން ގެނެސްފައިވާ ގަސްތަކެއްކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ، ރާއްޖޭގެ ވެރިކަންކުރާ ރަށަކީ ކޮންކްރީޓް ޖަންގައްޔެއްގެ ގޮތުގައި ސިފަކުރާ ސިފަކުރުން ނިންމުމަކަށް ގެންނަންޖެހޭކަމަށެވެ. އަދި މާލެއަކީވެސް ޖަޒީރާ ވަންތަ ސިފަތަކެއް ލިބިފައިވާ ސިޓީއަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށާއި، މިއީ އެކަން ހަޤީޤަތަކަށް ހެދުމުގެ ފެށުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"
"މާލެއަކީ ހަމައެކަނި ކޮންކްރީޓް ޖަންގައްޔެއްކަމަށް މީހުންނަށް ތަޞައްވުރު ކުރެވުން އެއިކީ ރާއްޖެފަދަ ޖަޒީރާ ޤައުމެއް ފެނުނީމަ މީހުންގެ ހިތަށް ގެނެވެންވީ ތަސްވީރެއްނޫން. މިގަސްތައް ހަވާލުކުރެވުނީމަ މިއަދު އަޅުގަނޑުމެން ހިތްހަމަޖެހޭ. އެއީ އަޅުގަނޑަށް ޔަޤީން މިގަސްތައް އިންދުމަށްފަހު، އެގަސްތައް ރީއްޗަށް ހެދިބޮޑުވީމަ އޭގެ ރީތިކަން ލިބިގެންދާނެކަން."
އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، މި ގަސްތައް އިންދުމުގެ މަސައްކަތް ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހު ތެރޭގައި ފަށާނެކަމަށާއި، މި ކަމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކުގެ ފަންނީ އެހީ ހޯދާނެކަމަށެވެ.

"އަޅުގަނޑުމެންނާ މި ގަސްތައް ހަވާލުކުރިނަމަވެސް، އެންވަޔަރަމަންޓް މިނިސްޓްރީގެ ބޭފުޅުންގެ އެހީތެރިކަމާއެކުގައި ގަސްތައް ބެލެހެއްޓެމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިދަނީ. އިރާދަކުރެއްވިއްޔާ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ބޮޑުތަކުރުފާނު މަގާއި، އާޓިފިޝަލް ބީޗް ހިމެނޭ ސަރަޙައްދުގައި މި ގަސްތައް އިންދުމުގެ މަސައްކަތް ފެށިގެންދާނެ. މިގަސްތައް އިންދެމުންދާއިރު ރައްޔިތުންނާއި ތަފާތު އެންޖީއޯތަކުގެ އެހީތެރިކަން ލިބި، އެތަކެތި ބޮޑުވެ، އޭގެ ހިޔާވަހިކަން ލިބިގެންދިއުމަކީ އަޅުގަނޑުމެންގެ އުއްމީދަކީ." މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލާ ހަވާލުކުރި ގަސްތަކުގެ ތެރޭގައި ރާއްޖޭގައި މިހާރުވެސް އާއްމުކޮށް ހުންނަ އެކި ވައްތަރުގެ ގަސްތައް ހިމެނޭކަމަށެވެ. އެގޮތުން ހިތިގަހާއި، ބޮޑު ޖަވާހިރު ފަދަ ހިޔާ ލިބޭ ބޮޑެތި ގަސްތަކާއި، ކަރަންކާ މަލާއި، ޗަމްޕާ ޕޫލް ފަދަ މީރުވަސް ދުވާ މާ ގަސްތައް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނައިގެން މުޅި ރާއްޖެ ފެހިކުރުމުގެ ޤައުމީ ކެމްޕެއިނެއް "ރަށްފެހި" ގެ ނަމުގައި ސަރުކާރުން ފަށާފައިވާއިރު، މުޅި ރާއްޖެ ފެހިކުރާނެގޮތުގެ ޕްލޭނެއް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ އެކުލަވާލާފައެވެ. އަދި އެ ޕްލޭން ހުރިހާ ކައުންސިލްތަކާއި ހިއްސާކުރުމުގެ މަސައްކަތް އެ މިނިސްޓްރީން މިހާރު އަންނަނީ ކުރަމުންނެވެ.