ކުޅިވަރު

ނިއުގެ ކުޅުންތެރިންނަށް އެހެން ޓީމްތަކަށް ދިޔުމުގެ ފުރުސަތު


ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހިންގާ އެއްވެސް މުބާރާތެއްގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑް ކުރުމާއި ގުޅިގެން، އަންނަ މަހުގެ ހަތަރުވަނަ ދުވަހު ފަށާ ޔޫތް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް ފަރިތަކުރުމުން އައި ނިއުގެ ޒުވާން ޓީމުގެ ކުޅުންތެރިންނަށް އެހެން ޓީމުތަކަށް ބަދަލުވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެފް.އޭ.އެމުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ސަސްޕެންޑްކޮށްފައިވަނީ، އެޓީމުގެ ދިހަ ކުޅުންތެރިއެއްގެ މުސާރައަށްވާ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުންނެވެ.
އެފް.އޭ.އެމުން ބުނީ، އަލުން ރެޖިސްޓްރޭޝަންގެ ކަންތައް ހުޅުވާލީ މާދަމާގެ ނިޔަލަށް ކަމަށާއި މިއީ ނިއުގެ ޒުވާން ޓީމުގެ ކުޅުންތެރިންނަށް އެހެން ޓީމުތަކަށް ކުޅުމުގެ ފުރުސަތު ދިނުމުގޮތުން ކުރިކަމެއް ކަމަށް. މުބާރާތުގައި ބައިވެރިވި 8 ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ.

މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ޓީސީ ސްޕޯޓްސް ކްލަބާއި ށ.ފޯކާއިދޫ ވާދަކުރާ މެޗުންނެވެ.