ޚަބަރު

ރާއްޖޭގެ ކޮރަޕްޝަންގެ ހާލަތު އަނެއްކާވެސް ކަންބޮޑުވާ މިންވަރަކަށް


ދުނިޔޭގެ އެންމެ ބޮޑަށް ކޮރަޕްޝަން އަށަގެންފައިވާ ޤައުމުތަކުގެ ލިސްޓްގައި މިފަހަރުވެސް ރާއްޖެ ހިމެނިއްޖެއެވެ.

ދުނިޔޭގެ ޤައުމުތަކުގައި ކޮރަޕްޝަން އަށަގެންފައިވާ މިންވަރު ހާމަކުރުމަށް ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލްއިން ކޮންމެ އަހަރަކު ޢާންމުކުރާ ކޮރަޕްޝަން ޕަރސެޕްޝަންސް އިންޑެކްސްގައި ރާއްޖެ ހިމަނާފައިވަނީ ކަންބޮޑުވާ މިންވަރަށް ކޮރަޕްޝަން އަށަގެންފައިވާ ޤައުމުތަކުގެ ގިންތީގައެވެ.
މި ދިރާސާގައި ޤައުމުތައް ގިންތިކުރަނީ ސުމަކާއި ސަތޭކައާ ދެމެދުގެ ސްކޯއަކުންނެވެ. މި ސްކޯ ދަށްވެއްޖެނަމަ ގިންތިކުރަނީ އެންމެ ބޮޑަށް ކޮރަޕްޓް ޤައުމުތަކުގެ ގޮތުގައެވެ. އަދި ސްކޯ މަތިވެއްޖެ ނަމަ ގިންތިކުރަނީ ކޮރަޕްޝަން ނެތް ނުވަތަ ދަށް ޤައުމުތަކުގެ ގޮތުގައެވެ.

މިއަހަރު ރާއްޖެ 31 ޕޮއިންޓުގެ ވަރަށްދަށް ސްކޯރއަކާއެކު އޮތީ، 180 ގައުމުގެ ތެރެއިން، 124 ވަނައިގައެވެ. މިއީ މިރިޕޯރޓްގައި ހިމެނިފައިވާ ގައުމުތަކުގެ ތެރެއިން 50އަށް ވުރެ ދަށުން ޕޮއިންޓް ލިބުނު ތިންބައިކުޅަ ދެބައި ގައުމުތަކުގެ ގިންތީގައި ރާއްޖެ ހިމެނުނު ތިންވަނަ އަހަރެވެ. 2016 ވަނަ އަހަރު ރާއްޖެ އޮތީ 30 ޕޮއިންޓާއެކު 95 ވަނައިގައެވެެ. އަދި 2017 ވަނަ އަހަރު 33 ޕޮއިންޓާއެކު 112 ވަނައިގައެވެ.

އެންމެ ބޮޑަށް ކޮރަޕްޝަން އަށަގެންފައިވާ ޤައުމުތަކުގެ ލިސްޓްގައި ގިންތިކުރަނީ ކޮރަޕްޝަން މަދުކުރުމާއި ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތް ނުކުރެވުމުގެ ސަބަބުންކަމަށް ޓްރާން ޕޭރެންސީ އިންޓަރނޭޝަނަލް އިން ހާމަކުރެއެވެ.

ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ ރާއްޖޭގެ އަމިއްލަ ޖަމްޢިއްޔާ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ހާމަކުރާގޮތުގައި ރާއްޖެ މިލިސްޓްގެ އެންމެ ދަށުގައި ހިމެނިފައިވުމުން ދޭހަކޮށްދެނީ، ޑިމޮކްރެޓިކް މުއައްސަސާތައް ރޫޅިފައިވުމާއި، އަތްނުފޯރާވަރަށް ކޮރަޕްޝަންގެ ވަބާ އަށަގައިންފައިވާކަމުގެ ބިރުވެރި ނިޝާންތަކެކެވެ.

ވޭތުވެދިޔަ ފަސް އަހަރަކީ ދިވެހި ރާއްޖޭގައި އަސާސީ ޙައްގުތައް ނިގުޅައިގަނެ، ބާރާއި ނުފޫޒުގެ ބޭނުން
ނަހަމަގޮތުގައި ބޭނުންކުރުމުގެ ސަބަބުން ކޮރަޕްޝަން އިންތިހާއަށް މަތިވެގެންދިޔަ ފަސް އަހަރޔުކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ސިފަކުރެއެވެ.