ޚަބަރު

ކައުންސިލަރުންނަށް އަޅާފައިވާ ފިޔަވަޅުތައް މުރާޖާ ކުރަން ފަށައިފި


ސިޔާސީ ތަފާތު ސަބަބުތަކަށްޓަކައި ފިޔަވަޅު އަޅާފައިވާ ކައުންސިލަރުންގެ މައްސަލަތައް މުރާޖާ ކުރަން ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރ އަދި ލޯކަލް ގަވަރމަންޓް، އެލްޖީއޭގެ ރައީސް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ވަނީ ސިޔާސީ އެކި ސަބަބުތަކަށްޓަކައި އެކި ރަށްރަށުގެ ކައުންސިލަރުންނަށް ތަފާތު އެކި ފިޔަވަޅުތައް އަޅާފައެވެ. އޭގެތެރެއިން ބައެއް ކައުންސިލަރުން ދިގު މުއްދަތަކަށް ސަސްޕެންޑުވެސް ކޮށްފައިވެއެވެ.

ހޯމް މިނިސްޓަރ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކައުންސިލަރުންނަށް އަޅާފައިވާ ނުޙައްޤު ފިޔަވަޅުތައް މުރާޖާ ކުރަން ފަށާފައިވާ ކަމަށެވެ. އަދި ދާދި އަވަހަށް އެ މައްސަލަތައް ނިންމައި އިންސާފު ޤާއިމްވެގެންދާނެ ކަމަށް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ސިޔާސީ ސަބަބުތަކާއި ހުރެ ކައުންސިލަރުންނާއި މެދު ފިޔަވަޅު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށެވެ.

ހޯމް މިނިސްޓަރ އަދި އެލްޖީއޭގެ ރައީސް ޢިމްރާން ކުރައްވާފައިވާ ޓުވީޓް

ކައުންސިލަރުންނާއި މެދު އަޅާފައިވާ ފިޔަވަޅުތައް މުރާޖާ ކުރަން ފަށާފައިވާއިރު ކައުންސިލްތަކުން ނަގާފައިވާ ބާރުތައްވެސް ސަރުކާރުން މިހާރު އަންނަނީ ކައުންސިލްތަކަށް ދެމުންނެވެ.