ޚަބަރު

ކޮމިޓީތަކަށް ޢައްޔަން ކުރެއްވި ބޭފުޅުންނަށް އެލަވަންސާއި ސެކިއުރިޓީ ދެނީ


ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އުފައްދާފައިވާ ކޮމިޝަންތަކާއި ކޮމެޓީތަކުގައި ތިއްބަވާ ބޭފުޅުންނަށް މުސާރައެއް ނުދެއްވާނެ ކަމަށާއި އެބޭފުޅުންނަށް ދެއްވާނީ އެލަވަންސެއް ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވެރިކަމާއި ޙަވާލުވެވަޑައިގެންނެވި ދުވަހު ވަނީ ރިޔާސީ ދެ ކޮމިޝަނެއް އުފައްދަވާފައެވެ. އަދި އޭގެފަހުން ބައެއް މަސައްކަތްތައް ކުރުމަށް އެކި ކޮމެޓީތައް އެމަނިކުފާނު ވަނީ އެކުލަވާލާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާޙީމް ހޫދު ޕީއެސްއެމް ނިއުސްއަށް މިއަދު ވިދާޅުވީ ކޮމިޝަންތަކާއި ކޮމެޓީތަކަށް ޢައްޔަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް އެއްވެސް މުސާރައެއް ސަރުކާރަކުން ނުދެއްވާނެ ކަމަށެވެ. ނަމަވެސް އެބޭފުޅުންގެ މަސައްކަތައް ބެލުމަށްފަހު އެލަވަންސެއް ދިނުމަށް ނިންމާފައިވާ ހޫދު ވިދާޅުވިއެވެ. ހޫދު ވިދާޅުވީ ރިޔާސީ ކޮމިޝަންތަކާއި ކޮމެޓީތަކުގައި ތިއްބަވާ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ އެލަވަންސް ތަފާތުވެސް ވާނެ ކަމަށެވެ.

"މިހާރު ރިޔާސީ ކޮމިޝަންތަކުގައި ތިއްބަވާ ބޭފުޅުންނަކީ ފުލްޓައިމްކޮށް މަސައްކަތް ކުރައްވާ ބޭފުޅުން. އެހެންނަމަވެސް ގިނަ ކޮމެޓީތަކަކީ ޕާރޓް ޓައިމްކޮށް މަސައްކަތް ކުރައްވާ ކޮމެޓީތައް. ދެން ކޮމެޓީތަކާއި ކޮމިޝަންތަކުގައި ތިއްބަވާ ބޭފުޅުން ބޭނުންވެއްޖެ ހިނދެއްގައި އެބޭފުޅުންނަށް ސެކިއުރިޓީވެސް ދެއްވާ ގޮތަށް އޮތީ،" ހޫދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އުފައްދާފައިވާ ކޮމިޝަންތަކާއި ކޮމެޓީތަކުގެ ބޭފުޅުންނަށް އެލަވަންސެއް ދިނުމަށް ނިންމާފައިވާއިރު މި ސަރުކާރުން މިހާތަނަށް ހަ ކޮމެޓީއާ ދެ ކޮމިޝަން ވަނީ އުފައްދަވާފައެވެ.