ކުޅިވަރު

އެފްއޭއެމްގެ މެނޭޖްމެންޓް ބަދަލުކުރާކަށް ބައިވެރިއެއް ނުވާނަން - ދަގޭންގް


އެފްއޭއެމްގެ އިސްވެރިންނާއި މެނޭޖްމަންޓް ބަދަލުކުރުމުގެ މަސައްކަތަށް އެއްވެސް ވަރަކަށް އެއްބާރުލުން ދެވެން ނެތްކަމަށް މި އަހަރު އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ދަ ގްރޭންޑް އަމީގޯސް ނިއު ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ދަ ގޭންގް)އިން ބުނެފިއެވެ.

މިދިޔަ ސީޒަންގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާ ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓްވި ދަ ގޭންގުން މިއަދު ނެރެނު ނޫސް ބަޔާނުގައިވަނީ އެފް.އޭ.އެމްގެ ރައީސްކަމުން ބައްސާމް އަދީލް ޖަލީލްއާއި އެއިދާރާގެ މެނޭޖްމަންޓް ބަދަލުކުރުމުގެ މަސައްކަތް ބަޔަކު ފަށާފައިވާ މި ދަނޑިވަޅުގައި އެ ކްލަބުން މި މަސައްކަތުގައި ބައިވެރިވުމަށް އެދި އެކި ފަރާތްތަކުން އެދެމުން ދާކަމުގައި ވީނަމަވެސް، ޤަވާއިދާ އުސޫލުން ބޭރުން ހިންގޭ މިފަދަ އެއްވެސް ކަމެއްގައި އެ ކްލަބުގެ އެއްބާރުލުން ނުލިބޭނެކަމަށެވެ.

މި ބަޔާނުގައި ބުނެފައިވަނީ އެފް.އޭ.އެމަށާއި ދިވެހި ފުޓްބޯޅައަށް ގެއްލުން ލިބިދާނެ އެއްވެސް ކަމަކީ ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫންކަމަށާއި، މިފަދަ ކަންކަން ހިންގުމުގައި އިސްނަންގަވައިގެން އުޅުއްވާ ފަރާތްތަކުން މިކަން ވަގުތުން ހުއްޓާލުމަށް ގޮވާލާކަމަށެވެ.