ޚަބަރު

ފެނާއި ނަރުދަމާ ނެތުމުން ލޯކަލް ޓޫރިޒަމަށް ހުރަސް އެޅޭ - ގުޅީ ކައުންސިލް

ކ. ގުޅީ ގެސްޓް ހައުސް ވިޔަފާރި ފުޅާކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ އެރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މައްސަލަކަމަށް ގުޅީ ކައުންސިލުން ބުނެފިއެވެ. ގުޅީއަކީ ކ. އަތޮޅުގައި ގެސްޓް ހައުސްގެ ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ކުރާ އެއް ރަށެވެ.

އާބާދީގައި 900 އެއްހާ މީހުން ދިރިއުޅޭ ކ ގުޅީއަކީ އާބާދީއާއި ބިމުގެ ގޮތުންވެސް ކ. އަތޮޅުގެ އެންމެ ކުޑަ ރަށެވެ. ޒަމާނުއްސުރެ މަސްވެރިކަމަށް ބަރޯސާވެފައިވާ ގުޅިއަށް ލޯކަލް ޓުއަރިޒަމް ތަޢާރަފްވުމާއެކު ރަށަށް ލިބެމުންދިޔަ އާމްދަނީ އިތުރުވެ، ލޯކަލް ޓުއަރިޒަމްގެ ވިޔަފާރިވެސް މިހާރު ދަނީ ފުޅާ ދާއިރާއެއްގައި ކުރަމުންދެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ކ. ގުޅީ ކައުންސިލް މެންބަރ ޢަލީ ރަޝީދު ވިދާޅުވީ، އެ ރަށަކީ މިހާރު ރާއްޖޭގައި އެންމެ ބާރަށް ލޯކަލް ޓުއަރިޒަމް ތަރައްޤީވަމުންދާ އެއް ރަށަށްވާއިރު، އެރަށުގައި ވޯޓަރ ސްޕޯޓްސްގެ ޚިދުމަތް ތަޢާރަފްކުރުމުން ގެސްޓް ހައުސް ވިޔަފާރިއަށް އިތުރު ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ.

އެހެންނަމަވެސް ގުޅީގެ ނަރުދަމާގެ ނިޒާމުގެ މައްސަލައަކީ އެރަށުގެ ގެސްޓް ހައުސް ވިޔަފާރިއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަސްކަމަށް ޢަލީ ރަޝީދު ވިދާޅުވިއެވެ. އެގޮތުން ރަށުގައި މީގެ އަހަރުތަކެއް ކުރިން ޤާއިމުކުރި ނަރުދަމާ ނިޒާމުގައި މައްސަލަޖެހި ގެސްޓުންނަށް ތަފާތު އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާކަން ޢަލީ ރަޝީދު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އާބާދީގައި 950 ވަރަކަށް މީހުން ރަޖިސްޓްރީވެފައިވީ ނަމަވެސް، އަޅުގަނޑުމެން 1200 އެއްހާ މީހުންނަށް ކައުންސިލުން ޚިދުމަތްދޭ. މިރަށުގައި ކުރީގެ ސަރުކާރަކުން ޓެސްޓްކުރަން ނަރުދަމާ ސިސްޓަމެއް ބަހައްޓާ އެ ނަރުދަމާގެ ނިޒާމު މިއަދާއި ހަމައަށްވެސް ބޭނުންކުރަނީ. ޖަންކްޝަންތަކުގެ މަތިތަށް ދުވާލަކު 4 ފަސްފަހަރު ނަގަންޖެހޭ އިރު މިކަމުން ރަށުތެރޭ ނުބައި ވަސް ފެތުރި ގެސްޓުންނަށް އުނދަގޫތަށް ކުރިމަތިވޭ." ޢަލީ ރަޝީދު ވިދާޅުވިއެވެ.

ކ. ގުޅިއަށް ދިމާވެފައިވާ މި މައްސަލަ ހައްލުކުރުމުމުގެ މަސައްކަތް ކުރަމުންދާކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

ކ. ގުޅީގެ އާބާދީ އިތުރުވުމުގެ ސަބަބުން ފެންފަށަލަ ލޮނުވެފައިވާއިރު، މިހާރު އެރަށުގެ ރައްޔިތުން ހުރިހާކަމަކަށްވެސް ބޭނުންކުރަނީ މިނަރަލް ވޯޓަރއެވެ. އެހެންކަމުން ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދު ބޮޑުވެފައިވާކަންވެސް ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ.