ކުޅިވަރު

ނިއު ސަސްޕެންޑް ކުރުމުން މިނިސްޓަރ މަޙްލޫފް ހިތްހަމަނުޖެހިފައި


ގައުމީ ފުޓްބޯޅަ އިދާރާއިން ނިއުރޭޑިއަންޓް ސަސްޕެންޑް ކުރުމުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ކޯފާ އިސްކުރައްވައި ވަރުގަދަ ރައްދެއްދީފިއެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ކުލަބު ކަމަށްވާ ނިއު އިއްޔެ ސަސްޕެންޑްކުރީ ކުޅުންތެރިންނަށް މުސާރަނުދީގެން ފީފާއިން އައިސްފައިވާ އިންޒާރުތަކަށް ރިޔާޔަތްކޮށް އެފްއޭއެމުގެ އެކްސްކޯއިންނެވެ. ނިއުއަށް މިދިޔަ އަހަރު ކުޅުނު ބިދޭސީ އަދި ދިވެހި ކުޅުންތެރިންނަށް އެކުލަބުން މިހާތަނަށް 3.8 މިލިއަން ރުފިޔާ ދޭން ޖެހިފައިވާ ކަމަށް އެފްއޭއެމުން ނެރުނު ނޫސްބަޔާނުގައިވެއެވެ. މި މައްސަލަ ބަލަން ފެށީ 10 ކުޅުންތެރިއަކު މުސާރަ ނުދީގެން އެފްއޭއެމުގައި މައްސަލަ ޖެއްސުމުންނެވެ. ނިއު އަށް ދެން ފުޓްބޯޅައިގެ އެއްވެސް ކަމެއްގައި ބައިވެރިވެވޭނީ މި ފައިސާ ހަލާސްކުރުމަށްފަހުއެވެ.

ނަމަވެސް މަހްލޫފް ވިދާޅުވީ އެފްއޭއެމުން ނިއު ސަސްޕެންޑް ކުރީ އެފްއޭއެމުގެ ރައީސް ބައްސާމް އަދީލްޖަލީލްގެ އިތުބާރު ނެތްކަމަށް ފާސްކުރަން ބޭނުންވާ ވޯޓު ހޯދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއް ކުލަބަކީ ނިއު ކަމަށްވުމުން ކަމަށެވެ.

މިނިސްޓަރު މި ސަސްޕެންޝަން ސިފަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމަށް ވޯޓަށް އަހަން އުޅުމުން މަޖިލީހުގެ 12 މެމްބަރަކީ މެމްބަރުން ނޫން ކަމަށް ކަނޑައެޅި ހާދިސާއާ އެއްކަހަލަ ކަމެއްގެ ގޮތުގައެވެ.

ނަމަވެސް އެފްއޭއެމުން ބުނީ މިއީ ތަކުރާރުކޮށް ކުޅުންތެރިންނަށް މުސާރަ ނުދީގެން ނިއު އަށް ނަސޭހަތްތަކެއް ދިނުމަށްފަހު އެކުލަބުން އެއްބާރުލުން ނުލިބޭތީވެ އެޅި ފިޔަވަޅެއް ކަމަށެވެ. ނަމަވެސް ކުލަބުން ވެސް ވަނީ މަހްލޫފްގެ ވާހަކަ ތަކުރާރުކޮށްފަ އެވެ.

މުސާރައިގެ މައްސަލަ ދިމާވެގެން ނިއު ދޫކޮށް މި އަހަރު މެދުތެރޭގައި ރާއްޖޭގެ އެންމެ އިތުބާރު ދެ ކުޅުންތެރިން ކަމަށްވާ އަލީ އަޝްފާގް (ދަގަނޑޭ) އާއި އިމްރާން މުހައްމަދު ވަނީ އެފްއޭއެމަށް މައްސަލަ ހުށަހަޅައިފަ އެވެ. އަދި އިމްރާން ވަނީ ނިއުގެ މެނޭޖްމަންޓް ބަދަލުކުރަން ނުސީދާކޮށް ސަޕޯޓަރުންނަށް ވެސް ގޮވާލައިފަ އެވެ.