ޚަބަރު

ދެހަފްތާއެއްގެ ތެރޭގައި އައްޑޫ ފިޝަރީޒް ކޮމްޕްލެކެސްއިން މަސްވެރިންނަށް ބޭނުންވާ އައިސް ލިބޭނެ - މިނިސްޓަރ ޒަހާ


ކުރިއަށްއޮތް ދެ ހަފްތާގެ ތެރޭގައި އައްޑޫގެ މަސްވެރިންނަށް ބޭނުންވާ އައިސް ލިބޭނެ އިންތިޒާމް އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ހަމަޖެހިގެންދާނެކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ މަސްވެރިނާއި ބައްދަލު ކުރެއްވުމަށް އިއްޔެ އައްޑޫ ސިޓީ ކައުންސިލްގައި ފިޝަރީސް މިނިސްޓަރ ބޭއްވެވި ބައްދަލުކުރެއްވުމުގައި މަސްވެރިންގެ ފަރާތުން ލިބުނު އެންމެ ބޮޑު އެއް ޝަކުވާއަކީ މަސް ކިރުވުމަށާއި އައިސް ލިބުމުގައި ހުރި ދަތިތަކެވެ. މިނިސްޓަރ ވިދާޅުވީ މަސްވެރިންނަށް ދިމާވެފައިވާ މިފަދަ މައްސަލަތައް މިނިސްޓްރީއާއި މިފްކޯ ގުޅިގެން ހައްލުކުރެވޭނެ ކަމަށާއި، އެގޮތުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން ކުރިއަށްއޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މަސްވެރިންނަށް ބޭނުންވާ އައިސް ލިބޭނެގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން އިއްޔެ މަސްވެރިންނާއިއެކު ބައްދަލުކުރެއްވިން. ދެން އެބޭފުޅުންގެ އެންމެ ބޮޑުއެއް މައްސަލައަކީ މަސް ކިރުވުމުގެ މައްސަލަ އަދި އައިސް ނުލިބުމުގެ މައްސަލަ. މިފަދަ މައްސަލަތައް މިނިސްޓްރީއާއި މިފްކޯއާއިގުޅިގެން ހައްލުކުރެވޭނެ، އެގޮތުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން ކުރިއަށްއޮތް ދެ ހަފްތާއެއް ތެރޭގައި މަސްވެރިންނަށް ބޭނުންވާ އައިސް ލިބޭނެގޮތް ހަމަޖެހިގެންދާނެ" މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

މިނިސްޓަރގެ މިދަތުރުފުޅުގައި މިއަދުވަނީ ހުޅުމީދޫއަށް ވަޑައިގެން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ޒިޔާރަތްކުރައްވާ އެތަންވެސް ބައްލަވާލައްވާފައެވެ. މިނިސްޓަރގެ އަރިހުގައި އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ ޢަބްދުﷲ ސާދިގާއި މިފްކޯގެ އެކްޓިން މެނޭޖިން ޑިރެކްޓަރ އިސްމާއިލް ފައުޒީގެ އިތުރުން ފިޝަރީސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި މިފްކޯގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިފްކޯގެ އެކްޓިން މެނޭޖިން ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވީ އައްޑޫއަށް ކުރެއްވި މިދަތުރުގެ އެންމެ މުހިންމު ބޭނުމަކީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަން ފަށައިގަތުމަށް ދިމާވެފައިވާ ދަތިތައް ބަލައި އެތަނުގެ ޚިދްމަތް އަވަހަށް ފަށައިގަތުމަށް ރަނގަޅުކުރެވޭނެ ކަންކަން ބެލުން ކަމަށެވެ.

" އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަން އަވަހަށް ފަށައިގަތުމަށް ކުރެވޭނެ ކަންތައްތައް ބެލުމަށްޓަކައި މިނިސްޓރަ އެއްކޮށް މިދަތުރުގަ މިނިސްޓަރުގެ ވިސްނުން ފުޅާއިއެކު އަވަހަށް މި އޮޕަރޭޝަން ފެށެނީ ކޮންކަހަލަ ދަތިތަކެއް ހައްލުކޮށްގެން ކަމަށް ބަލެމަށް. އެބަހުރި ބަނދަރުގެ ދަތިކަންވެސް. މިވަގުތު މަސްވެރިންނަަށް އައިސް ނުލިބޭތީ އެކަން ހައްލު ކުރުމަށް ދެ ހަފްތާއެއް ތެރޭގަ އެކަން ހައްލުކުރެވޭނެ. ކުރިއަށްއޮތްތާ މި ބަދަރުގެކަންކަން ރަނގަޅު ކުރުމަށް ބަނދަރުގަ ނެރު ބައްތި ޖަހައިގެން މަސްވެރިންނަށް ފަސޭހައިން ވަދެވޭނެގޮތެއް ސިޓީ ކައުންސިލާއި ސަރުކާރުގެ ވުޒާރާތަކާއި ގުޅިގެން އިތުރަށް ކުރިއަށް ގެންދާނަން " މިފްކޯގެ އެކްޓިން މެނޭޖިން ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވިއެވެ.

މިނިސްޓަރގެ މިދަތުރުފުޅުގައި މިއަދުވަނީ އައްޑޫސިޓި ކައުންސިލާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އައްޑޫގެ މަސްވެރިކަމާއި އެހެނިހެން ކަންތައްތައް ފުޅާ ކުރުމުގައި ކައުންސިލުން އެކި ކަންކަން ގާތުން ބަލައި ކުރިއެރުވުމަށް ކުރެވޭނެ ކަންތައްތަކަކާއި ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ހުޅުމީދޫގެ ދަނޑުވެރިންނާއި ވަކިން ބައްދަލުކުރައްވައި ދަނޑުވެރިންނަށް ދިމާވާ ދަތިތަކަކާއި ބެހޭގޮތުން، މަޝްވަރާކުރައްވައި މިނިސްޓަރ ވަނީ އެކަންތައްތަކައް ހައްލު ގެނެވޭނެ ގޮތްތަކާއި ބެހޭގޮތުން ދަނޑުވެރިންނާއި މަޝްވަރާކޮށްފައެވެ. މީގެ އިތުރުން މީދޫ ކޯޕަރޭޓިވް ސޮސައިޓީއަށްވެސް ވަޑައިގެން ދަނޑުވެރިންގެ އުފެއްދުންތައް މާކެޓް ކުރުން އަދި ދަނޑުވެރިންނަށް ދިމާވެފައިވާ ދަތިތަކަކާއި ބެހޭގޮތުން މަޝްވަރާކޮށްފައި ވެއެވެ.

މިނިސްޓަރ އައްޑޫސިޓިއަށް ކުރެއްވި މި ދަތުރުފުޅަކީ މިފްކޯއާއި އެއްކޮށް އައްޑޫގެ މަސްވެރިކަމުގެ ސިނާއަތުގަހުރި ކަންކަން ގާތުން ބެއްލެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.