ޚަބަރު

ހުކުރު ދުވަހު މަގުތައް ބަންދު ނުކުރެވި ލަސްވަނީ ޓްރެފިކަށް ބަދަލު ގެންނަންޖެހޭތީ - ސިޓީ ކައުންސިލް


ކޮންމެ ހުކުރު ދުވަހަކު މާލޭގެ ވަކި މަގުތަކެއް ބަންދު ކުރުމަށް ނިންމި ނިންމުމާ އެއްގޮތަށް މަގުތައް ބަންދު ނުކުރެވި ލަސްވަމުންދަނީ މަގުތަކުގެ ޓްރެފިކް ކޮންޓްރޯލް ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭތީކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާޢު ޝަރީފް ވިދާޅުވީ، މާލޭގެ 13 މަގެއް އެއް ވަގުތެއްގައި ބަންދުކުރާއިރު، އެކަމާ ގުޅިގެން އެ ސަރަޙައްދުތަކުގެ ޓްރެފިކް ކޮންޓޯލްކުރުމަށް ބޮޑެތި މަސައްކަތްތައް ކުރަންޖެހޭކަމަށެވެ. އެގޮތުން ބަންދުކުރާ މަގުތަކުން ދަތުރުކުރާ ފަރާތްތަކަށް، ދަތިނުވާނެގޮތަށް ޓްރެފިކް ފްލޯ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ޝަމާއު ވިދާޅުވިއެވެ.

ޓްރެފިކް ފުލުހުންނާއި ގުޅިގެން އެ ސަރަޙައްދުތަކަށް އަންނާނެ ބަދަލުތައް ބަލައި، ޓްރެފިކް ފްލޯ ރަވާލާނެ ގޮތްތައްވެސް ބަލަމުންދާކަމަށް ޝަމާއު ވިދާޅުވިއެވެ. އަދި އަންނަ ހަފްތާއިން ފެށިގެން ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު މާލޭގެ 13 މަގެއް ބަންދުކުރުމުގެ މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ޝަމާއު ވިދާޅުވިއެވެ.

ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު މާލޭގެ ބައެއް މަގުތައް ބަންދުކުރުމަކީ ސަރުކާރުގެ 100ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމަނައިގެން ކުރުމަށް ނިންމާފައިވާ ކަމެކެވެ. ސަރުކާރުން ބުނެފައިވަނީ މީގެ ބޭނުމަކީ ހުކުރު ދުވަހަކީ ސްކޫލްތަކާއި އޮފީސްތައްބަންދު ދުވަހަަކަށް ވާތީ، އާއިލާއާއިއެކު ބޭރަށް ނުކުމެ އުޅުމަށް ފަސޭހަ މާޙައުލެއް ހޯދައިދިނުމަށްކަަމަށެވެ. އަދި ބަންދުކުރާވަގުތު މަގުތަކުގައި ކުދިކުދި ހަރަކާތްތައް ހިންގޭނެކަމަށް ސަރުކާރުން ބުނެފައިވާއިރު، އެ ސަރަޙައްދުތައް ބަނދުކޮށްފައި ބާއްވާ ވަގުތު ފުލުުހުން އެ ސަރަޙައްދުތަކުގެ ސެކިއުރިޓީވެސް ބަލަހައްޓަމުން ގެންދާނެއެވެ.

މަގުތައް ބަނދުކުރަން ނިންމާފައިވަނީ ކޮންމެ ހުުރުދުވަހެއްގެ ހެނދުނު 6:30 ހަގަޑި ތިރީހުން ދިހަގަޑި ތިރީހަށެވެ. ބަންދުކުރަން ނިންމި މަގުތަކުގެތެރޭގައި ސޯޝަލް ސެންޓަރުކައިރިން މަޖީދީމަގާއި، ސިޓީ ޕާކު ގޯޅިއާއި، ހިލާލީ މަގާއި އަދިވެސް އިތުރު ގޯޅިތަކާއި މަގުތައް ހިމެނެއެވެ.