ޚަބަރު

އއ.އުކުޅަހުގެ ތަރައްޤީގެ ޕްލޭންގެ ދަށުން އިތުރު 100 ޓަނުގެ އާރު.އޯ ޕްލާންޓެއް ބަހައްޓަނީ


އއ.އުކުޅަހުގެ ތަރައްޤީގެ ޕްލޭންގެ ދަށުން 2020 ވަނަ އަހަރު އަންނަންވާއިރަށް ރަށުގެ ބޯފެން އުފައްދާ ނިޒާމް ފުޅާކޮށް، އިތުރު 100 ޓަނުގެ އާރު.އޯ ޕްލާންޓެއް ބެހެއްޓުމަށް ނިންމާފައިވާކަމަށް އެެ ރަށު ކައުންސިލުން ބުނެފިއެވެ.

އއ އުކުޅަހަކީ ލޯކަލް ޓުއަރިޒަމް ބާރު މިނެއްގައި ފުޅާވަމުންދާ ރަށަކަށް ވާއިރު، އެ ރަށަށް ކޮންމެ އަހަރަކުވެސް އެތަށް ސަތޭކަ ފަތުރުވެރިންނެއް ޒިޔާރަތްކުރެއެވެ.

އާބާދީގައި އެއްހާހެއްހާ މީހުން ދިރިއުޅޭ އއ.އުކުޅަހަކީ މިހާރު އެ އަތޮޅުގައި އެންމެ ބާރަށް ތަރައްޤީވަމުން އަންނަ އެއް ރަށެވެ. ޒަމާނުއްސުރެ މަސްވެރިކަމަށް ބަރޯސާވެފައިވާ އުކުޅަހަށް ލޯކަލް ޓުއަރިޒަމް ތަޢާރަފް ވެފައިވަނީ 2011 ވަނަ އަހަރުއެވެ. އެއާއެކު މިހާރު އެ ރަށަކީ ލޯކަލް ޓުއަރިޒަމްގައި އެ އަތޮޅުގައި އެންމެ ކުރިއަރާފައިވާ އެއް ރަށެވެ.

އެގޮތުން 2011 ވަނަ އަހަރުގެ ނޮވެމްބަރުމަހު އެންމެ 3 ކޮޓަރީގެ ގެސްޓްހައުސްއަކާއެކު ފެށި މި ވިޔަފާރި ފުޅާވަމުންގޮސް މިހާރު 200 ކޮޓަރިއާއިއެކު 26 ގެސްޓްހައުސްއެއް އެރަށުގައި ހިންގަމުންދެއެވެ.

ގެސްޓް ހައުސް ވިޔަފާރި ކާމިޔާބުކަމާއެކު އެ ރަށުގައި ކުރިއަށްދާއިރު، ރަށުގެ ސާފު ފެންފަށަލަ ތަޣައްޔަރުވުމާ ގުޅިގެން އެ މައްސަލައަށް ޙައްލެއް ހޯދުމަށް 2015 ވަނަ އަހަރު އެ ރަށުގައި ވަނީ ސާފު ބޯފެނުގެ ނިޒާމެއް ޤާއިމުކޮށް އާރު.އޯ ޕްލާންޓެއްވެސް ބަހައްޓާފައެވެ.

އއ.އުކުޅަހުގެ ތަރައްޤީއާ ބެހޭގޮތުން ވާހަކަދައްކަވަމުން އެ ރަށު ކައުންސިލްގެ ރައީސް ޝައުޤަތު އިބްރާހީމް ވިދާޅުވީ، ރަށުގެ އާބާދީއާއި ރަށުން ޚިދުމަތް ހޯދާ މީހުންގެ އަދަދު އިތުރުވި ނަމަވެސް މިއަހަރު އެ ރަށަށް ފެނުގެ ދަތިކަން ދިމާވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

އެހެންނަމަވެސް އުކުޅަހުގެ ތަރައްޤީގެ ޕްލޭންގެ ދަށުން 2020 ވަނަ އަހަރު އަންނަންވާއިރަށް ރަށުގެ ބޯފެން އުފައްދާ ނިޒާމް ފުޅާކުރުމަށް ނިންމާ، އިތުރު 100 ޓަނުގެ އާރު.އޯ ޕްލާންޓެއް ބެހެއްޓުމަށް ނިންމާފައިވާކަމަށް ޝައުޤަތު ވިދާޅުވިއެވެ. އެގޮތުން މި އާރު.އޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތާއި ވާރޭ ފެން ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއާއި ގުޅިގެން މަސައްކަތް ފަށާފައިވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"މިރަށް 2011 ވަނަ އަހަރު ފުރަތަމަ ގެސްޓްހައުސް ހުޅުވުމާއިއެކު ރަށަށް ވަނީ ބޮޑެތި ތަރައްޤީތަކެއް ލިބިފައި. މިއާއެކު ރަށުގެ ފެން ފަށަލައަށް އޮންނަ ޑިމާންޑް ބޮޑުވެ 2015 ގައި ބޯފެނުގެ ނިޒާމެއް ޤާއިމުކޮށަފައިވޭ. މި ނިޒާމަކީ 20 އިންސައްތަ ވާރޭފެން އަދި 80 އިންސައްތަ އާރްއޯ ޕްލާންޓުން ފެން އުފައްދާ ނިޒާމެއް. 2020 ވަނަ އަހަރު މި ޕްލާންޓްގެ ކެޕޭސިޓީ އިތުރުކޮށް ރެއިން ވޯޓަރ ހާވެސްޓިންގ ކެޕޭސިޓީ އިތުރުކުރުމަށްވަނީ ޕްލޭންކޮށްފައި. ހަމަމިއާއިއެކު އޮތުރު 100 ޓަނުގެ އާރްއޯ ޕްލާންޓެއްވެސް ޤާއިމުކުރުމަށް ވަނީ ނިންމާފައި." ޝައުޤަތު އިބްރާހިމް ވިދާޅުވިއެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018ގެ ގެސްޓް ހައުސް އެޑިޝަންގެ އެންމެ ކާމިޔާބު ރަށެއްގެ ގޮތުގައިވެސް ހޮވިފައިވަނީ އއ. އުކުޅަހެވެ. އެގޮތުން މި އެވޯޑްސްގައި އުކުޅަހަށްވަނީ ލީޑިންގ ބީޗް އައިލެންޑްގެ އިތުރުން ލީޑިންގ ގެސްޓްހައުސް އައިލެންޑްގެ އެވޯޑް ލިބިފައެވެ.

މިކާމިޔާބީއާއިއެކު މިހާރު އެރަށުގައި ޖާގައިގެ ގޮތުން ތަނަވަސް 25 ހާއި 30 ކޮޓަރީގެ ގެސްޓް ހައުސްތައް އެޅުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.