ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިވަމުންދާކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވެއްޖެއެވެ.
އިންޑިއާ ސަފީރު މިހެން ވިދާޅުވީ، އިންޑިއާގެ 70 ވަނަ ޖުމްހޫރީ ދުވަހާ ގުޅުވައިގެން މާލޭގައި ހުންނަ އިންޑިއާގެ އެމްބަސީގައި މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަހާއި ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި، ދިދަ ނަންގަވައިދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއެވެ. މި ރަސްމިއްޔާތުގައި އިންޑީއާ އެމްބަސީގެ އިސް ފަރާތްތަކާއި، ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާގެ ގިނަ ރައްޔިތުން ބައިވެރިވެފައިވެއެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ވަނީ، ޖުމްހޫރީ ދުވަހާ ގުޅިގެން އިންޑިއާގެ ރައީސްގެ މެސެޖެއް ޙިއްސާކުރައްވާފައެވެ. މި މެސެޖުގައި އެކަކު އަނެކަކަށް އިޙްރިރާމްކުރުމަށާއި، އަނެކާގެ މިނިވަންކަމަށް އިޙްތިރާމްކޮށް، އެކަކު އަނެކަކުގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމަށްވަނީ ގޮވާލާފައެވެ. އަދި ބައިނަލްއަޤްވާމީ ދުނިޔެއިން އިންޑިއާއަށް ލިބިފައިވާ އިޙްތިރާމް އެގޮތުގައި ދެެމެހެއްޓުމަށް މަސައްކަތް ކުރުމަށްވެސް މި މެސެޖުގައި ވަނީ ގޮވާލާފައެވެ.
މި ރަސްމިޔާތުގައި އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ދެއްކެވި ވާހަކައިގައި، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަކީ ހަމައެކަނި ޑިޕްލޮމެޓިކް ގުޅުމަކަށަވުރެ މާ ގާތް ގުޅުމެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖެއާއި އިންޑިއާގެ ގުޅުމަކީ ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމެއްގެ ގޮތުގައި ސަފިރު ވަނީ ސިފަކުރަށްވާފައެވެ.
ސަފީރު ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ދެޤައުމުގެ ގުޅުން ކޮންމެވެސް ވަރަކަށް ހީނަރުވި ނަމަވެސް މިހާރު އެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށެވެ.
"ސަރުކާރު ފުރަތަމަ ދުވަސްކޮޅުވެސް ދެ ޤައުމުގެ ގުޅުން ވަރަށް ބޮޑަށް ފެނިއްޖެ. އެގޮތުން ރަޢީސް ސާލިޙް ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު އިންޑިއާއަށް ކުރެއްވުމުން މިކަން ވަރަށް ބޮޑަށް ދޭހަވޭ." އިންޑިއާ ސަފީރު ވިދާޅުވިއެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަހާ ގުޅުވައިގެން ބާއްވާ ޚާއްޞަ ޖަލްސާއަކާއި ފަރިއްކޮޅެއް މިރޭ ދަރުބާރުގޭގައި ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި އިންޑިއާ އެމްބަސީއާއި، ދިވެހި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް އިންޑިއާ އެމްބަސީން މަޢުލޫމާތުދެއެވެ.