ޚަބަރު

ކައުންސިލްތަކުގެ ކަންބޮޑުވުންތައް ހައްލުކުރަން ވަނީ ފަށާފައި - ރައީސް


ކުރީގެ ސަރުކާރުން އަތޮޅުތަކުގެ ރަށްރަށާމެދު ޢަމަލުކޮށްފައިވާގޮތުން ކައުންސިލްތަކާއި ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރިކަމަށާ، ކައުންސިލްތަކާ ގުޅިގެން އެކަންކަން ހައްލުކުރުމުގެ މަސައްކަތް މިހާރު ފަށްޓަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހައްދުންމަތީ މާވަށު ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ހައްދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ މާވަށު ކައުންސިލާ ބައްދަލުކުރައްވައިވަނީ އެރަށުގެ ރައްޔިތުންނަށް މިވަގުތު އެންމެ ދަތިވާ ކަންކަމާއި އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މާވަށު ކައުންސިލުގެ މެންބަރުންވަނީ ކައުންސިލްގެ މަސައްކަތްތައް ކުރިޔަށް ދާގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. އަދި ކައުންސިލްގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކުގެ މަޢުލޫމާތާއި ރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުން ބޭނުންވާ ކަންކަމާ ބެހޭގޮތުން ވެސް ވަނީ އެމަނިކުފާނާ މަޢުލޫމާތު ޙިއްސާކޮށްފައެވެ.

މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި މާވަށުގެ ރައްޔިތުންގެ ގޯތިގެދޮރުގެ ދަތިކަން ޙައްލުކުރުމާއި، ރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމުގެ ގޮތުން އަތޮޅުގައި ފަތުރުވެރިކަންކުރާނެ ރިސޯޓެއް ޤާއިމުކުރުމާއި، ސްކޫލް ޢިމާރާތުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި ޞިއްޙީ ޚިދުމަތްތައް ރަނގަޅުކުރުމާއި ކުޅިވަރު ތަރައްޤީކުރުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ކައުންސިލްގެ ކަންބޮޑުވުންތަކަށް ޙައްލެ ހޯދައިދިނުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ކައުންސިލްތަކަށް މިސަރުކާރުން ބާރުވެރިކަން ދީފައިވާއިރު، ކައުންސިލްތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލެއް ލިބޭނެކަމަށް ޢުއްމީދުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކުގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރިކަމަށާ، އެކަން ޙައްލުކުރުމަށް މިސަރުކާރުން މިހާރު މަސައްކަތް ފަށްޓަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

މާވަށު ކައުންސިލުގެ ފަރާތުން ވަނީ، ސަރުކާރާއި ގުޅިގެން ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ހައްދުންމައްޗަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅަކީ، ޓިއެފްޖީ މެރަތަންގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ހައްދުންމަތީ ގިނަ ރަށްތަކެއްގެ ކައުންސިލްތަކާއި މުއައްސަސާތަކާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.