ކުޅިވަރު

ބާސާއަށް ސޮއެ ކުރީ މެސީއާއެކު ކުޅެން - ފްރޭންޑް ޑިޔަންގް


ބާސެލޯނާ އަށް ސޮއިކުރި މައިގަނޑު ސަބަބަކީ ލަޔޮނަލް މެސީއާއެކު ކުޅެން ބޭނުންވުން ކަމަށް އެ ޓީމާ އަލަށް ކުޅުނު ނެދަލޭންޑްސްގެ މިޑްފީލްޑަރު ފްރޭންކް ޑިޔަންގް ބުނެފިއެވެ.

އުމުރުން އެންމެ 21 އަހަރުގެ ކުޅުންތެރިޔާ ބުނީ ބާސެލޯނާ އަކީ އޭނާ އަބަދުވެސް ކުޅޭހިތްވާ ޓީމު ކަމަށާއި އެއީ ކުޑައިރުއްސުރެ ދެކޭ ހުވަފެނެއް ކަމަށެވެ. ނަމަވެސް އަންނަ ސީޒަނުގައި ކުޅޭނެ ކުލަބެއް ނިންމުމުގެ ކުރިން އޭނާ ހޯދުމަށް މަސައްކަތް ކުރި އިނގިރޭސި ކުލަބު މެންޗެސްޓާ ސިޓީ އާއި ފްރާންސްގެ ޕީއެސްޖީގެ ކޯޗުންނާ ބައްދަލުކުރި ކަމަށެވެ.

އޭނާ ބުނީ ބާސެލޯނާގެ އެންމެ ކާމިޔާބު އެއް ކޯޗު ޕެޕް ގާޑިއޯލާ މިހާރު ކޯޗުކޮށްދޭ ސިޓީ އަކީ ވެސް މޮޅު ކުލަބެއް ކަމަށެވެ. އޭނާ ބުނީ ގާޑިއޯލާ އާއި ޓުޗެލްއާ އޭނާ ބައްދަލުކުރި ކަމަށާއި، އެކަމަކު ބާސެލޯނާގެ ކޯޗު ވަލްވާޑޭ ބައްދަލު ނުކުރާކަމަށެވެ.

ބާސެލޯނާ އަށް ކުޅެން ނިންމީ އެކުލަބަށް ދާން ބޭނުންވެފައިހުރިލެއް ބޮޑުކަމުން ކަމަށް އޭނާ ބުންޏެވެ. އަދި މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި، އޭނާއާއެކު ކުޅެން ފުރުސަތު ލިބުމުން ވަރަށް އުފާވާކަމަށެވެ. އަދި ބާސެލޯނާގައި ކުޅުމަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށްވެސް ނެދަލޭންޑްސްގެ މިޑްފީލްޑަރު ފްރޭންކް ޑިޔަންގް ބުންޏެވެ.