ޚަބަރު

ރައީސްގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި ހެލްތް މިނިސްޓަރ އިންޑިއާގައި


ޕްރޮޓޯން ތެރަޕީއާއެކު ކެންސަރަށް ފަރުވާދޭ ދެކުނު އޭޝިއާގެ ފުރަތަމަ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ބައިވެރިވެވަޑައިގެންފިއެވެ.

އިންޑިއާގެ ޗެންނާއީގައި ޤާއިމުކޮށްފައިވާ ޕްރޮޓޯން ތެރަޕީއާއެކު ކެންސަރަށް ފަރުވާދޭ ދެކުނު އޭޝިއާގެ ފުރަތަމަ މަރުކަޒު، "އެޕޯލޯ ޕްރޮޓޯން ކެންސަރ ސެންޓަރ" ހުޅުއްވައިދެއްވާފައިވަނީ އިންޑިއާގެ ނައިބު ރައީސް ޝްރީ ވެންކައިއަ ނައިޑޫއެވެ. އެޕޯލޯ ހޮސްޕިޓަލްސްގެ ފަރާތުން ހުޅުވި މި ކެންސަރ ސެންޓަރަކީ ކެންސަރު ބައްޔައް ފަރުވާކުރުމަށް މިހާރު ދުނިޔޭގައި ބޭނުންކުރާ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ޚިދުމަތްދޭ ހޮސްޕިޓަލެކެވެ.

ޕްރޮޓޯން ތެރަޕީއަކީ ރޭޑިއޭޝަން ބޭނުންކޮށްގެން ޓިއުމަރުފަދަ ތަކެތި ނައްތާލުމާއި ކެންސަރަށް ފަރުވާދިނުމަށް ބޭނުންކުރާ ތެރަޕީއެކެވެ. މި ހޮސްޕިޓަލް ހުޅުވުމާއެކު މި ޚިދުމަތް ދެކުނު އޭޝިއާގައި ވަނީ ދޭން ފަށާފައެވެ.

ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ އެޕޯލޯ ޕްރޮޓޯން ކެންސަރ ސެންޓަރގެ އިސްވެރިންނާ ބައްދަލުކުރައްވައި އެ ސެންޓަރުންދޭ ޚިދުމަތްތައް ބައްލަވާލައްވާފައެވެ. އަދި މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ އިންޑިއާގެ ކޭރަލަ ސްޓޭޓްގެ ހެލްތް މިނިސްޓަރާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި އިންޑިއާ ގުޅިގެން ސިއްޙީ ދާއިރާއިން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ހެލްތް މިނިސްޓަރ އިންޑިއާއަށް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅުގައި ޓްރިވެންޑްރަމްގައި ހުންނަ ބޮޑެތި ހޮސްޕިޓަލްތަކުގެ މަސައްކަތްތައް ބައްލަވާލައްވައި، ހޮސްޕިޓަލްތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.