ޚަބަރު

ކުރީގެ ނާއިބް ރައީސް އަދީބު އަނެއްކާވެސް އެޑްމިޓް ކޮށްފި


ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ކުއްލިގޮތަކަށް ހާލުކޮޅު ދެރަވެގެން އައިޖީއެމް ހޮސްޕިޓަލްގައި އަނެއްކާ ވެސް އެޑްމިޓް ކޮށްފިއެވެ.

މިކަން ހާމަކޮށް އަދީބަށް ތާއިދު ކުރާ ފަރާތްތަކުން ބުނީ ޖަލުގައި ހުންނަވަނިކޮށް އަދީބުގެ ސިއްޙީ ޙާލަތު ގޯސްވެ އިމަޖެންސީގައި މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވާ ކަމަށާއި އޭނާ މާލެ ގެންނެވިއިރު ހާލުދެރަކަމުން އަމިއްލަފުޅަށް ނުވެސްހިންގެވޭ ކަމަށެވެ.

މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް އެމްޓީޑީގެ މެމްބަރަކު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އަދީބު ބަންދުގައި ހުންނެވި ގޮޅީގެ ތެރެއަށް ރޭމެންދަމު 01:30 ހާއިރު ވެއްޓުމުން އެކަށީގެންވާ ފަރުވާއެއް ނުދީ އެތާ ބޭއްވިކަމަށާއި އޭނާ މާލެ ގެނައީ ނޭފަތުން ލޭ އަންނަން ފެށުމުން ކަމަށެވެ.

އަދީބުގެ ހާލުކޮޅު ގޯސްވުމާގުޅިގެން ޑޮކްޓަރުންގެ އިރުޝާދާއެކު ކުރިން ގޭބަންދަށް ބަދަލު ކުރެއްވި ނަމަވެސް މިމަހުގެ ދެވަނަ ދުވަހުވަނީ ޖަލަށް ބަދަލުކުރައްވާފައެވެ. އަދި އަދީބުގެ ހާލުކޮޅު ގޯސްވެ މިމަހުގެ ފަސްވަނަ ދުވަހުވެސް އެޑްމިޓް ކޮށްފައިވެއެވެ. އެހެން ނަމަވެސް ފަހުން އަނެއްކާވެސް މިމަހުގެ 19 ދުވަހު އަދީބު ވަނީ އަނބުރާ ޖަލަށް ގެންދަވާފައެވެ.

އަޙްމަދު އަދީބާމެދު ސަރުކާރުން ކަންތައް ކުރައްވަނީ ވަރަށް އިހާނެތިކޮށް ކަމަށްބުނެ އަދީބުގެ އާއިލާގެ ބޭފުޅުންނާއި އަދީބަށް ތާޢީދުކުރައްވާ ފަރާތްތަކާއި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޓީޑީން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.