ޚަބަރު

ބައިކް މޯލްޑިވްސްގެ މިއަހަރުގެ ހަރަކާތްތައް ރަސްމީކޮށް ފަށައިފި


ރާއްޖޭގައި ބައިސްކަލު ދުއްވުމުގެ ހަރަކާތްތައް ހިންގާ ބައިކް މޯލްޑިވްސްއިން 2019 ވަނަ އަހަރުގެ ހަރަކާތްތައް ރަސްމީކޮށް ފަށައިފިއެވެ.

ބައިކް މޯލްޑިވްސްގެ ހަރަކާތްތައް ދުވައްތަކަކަށް މަޑުޖައްސާލުމަށްފަހު، އެ ޖަމިއްޔާގެ ފުރަތަމަ ހަރަކާތެއްގެ ގޮތުގައި ހުޅުމާލޭގައި މިއަދު ވަނީ ޚާއްޞަ ބައިސްކަލު ބުރެއް ބާއްވާފައެވެ. މި ބައިސްކަލު ބުރާ ގުޅޭ މައުލޫމާތު ދެއްވަމުން ބައިކް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަސްމާ ޙަސަން ވިދާޅުވީ، ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަށްފަހު އެޖަމިއްޔާގެ ހަރަކާތްތައް ފެށުމުން ވަރަށް އުފާކުރާކަމަށެވެ. އަސްމާ ވިދާޅުވީ މިއަހަރު ތެރޭގައި އެ ޖަމިއްޔާގެ ހަރަކާތްތައް ރާއްޖެއާއި ރާއްޖޭން ބޭރުގައި ކުރިއަށްގެންދާނެކަމަށެވެ. އެގޮތުން ހދ. ކުޅުދުއްފުއްޓާއި، ރާއްޖެއިން ބޭރުގެ ޤައުމެއްގައި ބައިސްކަލު މެރެތޯންތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މި ހަރަކާތުގައި ސާޅީހަކަށް މީހުން ބައިވެރިވި މިއަދުވެސް. މިއަހަރު އަޅުގަނޑުމެން ހދ. ކުޅުދުއްފުއްޓާއި ރާއްޖެއިން ބޭރުގެ ޤައުމުތަކުގައި ބައިކް މެރެތޯންތައް ބާއްވަން ނިންމާފައިވާއިރު، ޑިނަރ ނައިޓާ، ބައިކް ޗެމްޕިއަންޝިޕްވެސް ބާއްވަން ނިންމާފަވަނީ." ބައިކް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަސްމާ ޙަސަން ވިދާޅުވިއެވެ.

ބައިކް މޯލްޑިވްސް އަކީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމައްޓަކައި ދިވެހިންގެ ތެރޭގައި ބައިސްކަލް އާންމުކުރުމާއި، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ހޭލުންތެރިކަން އިތުރުކުރުމައް އުފައްދާފައިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. 200 އަށްވުރެ ގިނަ މެންބަރުން ރަޖިސްޓްރީވެފައިވާ ބައިކް މޯލްޑިވްސްގެ ހަރަކާތްތައް ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް އެ ޖަމިއްޔާއިން ގެންދަނީ ހިންގަމުންނެވެ.