ޚަބަރު

ވަޒީފާއިން ވަކިކޮށްފައިވާ މީހުންގެ މައްސަލަތައް ބަލަން ކޮމިޓީއެއް އެކުލަވާލައްވައިފި


ސިޔާސީ ސަބަބުތަކަށްޓައި ވަޒީފާއިން ވަކިކޮށްފައިވާ މީހުންގެ މައްސަލަތަކުގައި ޢަމަލުކުރާނެ ލަފާ ރައީސްއަށް އަރުއްވާނެ ކޮމިޓީއެއް އެކުލަވާލައްވައިފިއެވެ.

"ޕްރެޒިޑެންޓް އެކްޝަން ކޮމިޓީ"ގެ ނަމުގައި އުފެއްދި މި ކޮމިޓީއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ފަސް ބޭފުޅަކު ޢައްޔަނުކުރައްވާފައެވެ. އެ ކޮމިޓީއަށް ޢައްޔަނުކުރެއްވި ފަސް ބޭފުޅުންނަކީ، މައްޗަންގޯޅި ޑާޗާ ޢަލީ ހާޝިމާއި، މައްޗަންގޯޅި މާދެލި މަޙްމޫދް ރާޟީއާއި، މައްޗަންގޯޅި ކޮށީގޭ ޖުވައިރިޔާ ސަޢީދާއި، ވ. ސިނަމާލެ އަލްއުސްތާޛާ މަރްޔަމް ރިފްނާއާއި، ގަލޮޅު ކްރީމްގޭ ޒުރުވަތު ޢަބްދުލް މާޖިދުއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ކޮމެޓީގެ މެންބަރުންނާއި ރައީސް ޞާލިޙު މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ އެ ކޮމެޓީން މަސައްކަތް ކުރާނީ ސަރުކާރުގެ އޮފީސްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ އެކިއެކި މައްސަލަތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކޮމިޓީއަށް ފޮނުއްވާ މައްސަލަތައް ދިރާސާކުރުމާއި އެ މައްސަލަތަކާމެދު އަޅަންވީ ފިޔަވަޅުތަކާއި، އެ މައްސަލަތަކާމެދު ޢަމަލުކުރަން ފެންނަގޮތުގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން ކަމަށެވެ. އަދި ކުރީގެ ސަރުކާރުގައި ސިޔާސީ ސަބަބަށް ވަޒީފާއިން ވަކިކޮށްފައިވާ މީހުންނާއި ބެހޭ ކަންކަން ނިންމުމުގައްޔާއި، ސަރުކާރަށް ކުރިމަތިވާ މި ނޫންވެސް އެހެނިހެން ކަންތައްތަކުގައި ރައީސް ޞާލިޙަށް އެ ކޮމެޓީން ލަފާ އަރުވާނެ ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ސިޔާސީ ސަބަބުތަކަށްޓަކައި ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކުގެ ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ފިޔަވަޅު އަޅާފައިވާ މުވައްޒަފުންގެ މައްސަލަތައް ބެލުމަށް ހުޅުވާލި ފުރުސަތުގައި 451 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.