ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ނަމުގައި އުފައްދަވަން މަސައްކަތްކުރާ ސިޔާސީ ޕާޓީގެ ފުރަތަމަ ޖަލްސާ އަންނަ އާދިއްތަ ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޕީއެންސީގެ މުޢައްސިސް އަދި ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރ ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ އެޕާޓީ އުފެއްދުމަށް ބާއްވާ ފުރަތަމަ ޖަލްސާ އަންނަ އާދިއްތަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.
ޕީއެންސީ އުފައްދާ ޖަލްސާ ބާއްވަން ހުއްދަ ދީފައި ވަނީ އެ ޕާޓީ އުފައްދަން އީސީ މެމްބަރުން ހުރަސްއަޅާ ކަމަށް، ޕީއެންސީގެ އިސް ބޭފުޅުން ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައި ވަނިކޮށެވެ. އެގޮތުން ޕީއެންސީން ހުށަހެޅި ފޯމުތައް ޕްރޮސެސް ކުރުން ލަސްކޮށް ގިނަ ފޯމުތަކެއް ގަސްތުގައި ބާޠިލު ކުރިކަމަށް ތުހުމަތުކޮށްފައިވެއެވެ.
މީގެ އިތުރުން ޕީއެންސީ އުފެއްދުމަށް އީސީގެ މެމްބަރުން ހުރަސްއަޅުއްވާކަމަށް ވިދާޅުވެ ޕީއެންސީއާއި ޕީޕީއެމްގެ މެމްބަރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ. އެއާއެކު ޤާސިމް ވަނީ އެމައްސަލަ ހައްލުކުރުމަށް އެ ކޮމިޝަނުގެ މެންބަރު އިސްމާޢީލް ޙަބީބަށް ގުޅުއްވައި ވާހަކަފުޅުދައްކަވާފައެވެ.
ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބާއްވަން ޖެހޭ ބައްދަލުވުން ބޭއްވުމަށް ހުއްދަ ދެނީ 3000 މީހުންގެ ފޯމު ޞައްހަކަން ކަށަވަރުކޮށްފައެވެ. އަދި އިލެކްޝަން ކޮމިޝަނުގެ ދަފުތަރުގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދެއްވަނީ 300 މީހުންނާއެކު އެޕާޓީގެ ފުރަތަމަ ޖަލްސާ ބޭއްވުމުންނެވެ.