ޚަބަރު

ނަފުރަތު އުފެދޭ ޒާތުގެ ލިޔުންތައް ޝާއިއު ނުކުރުމަށް މީޑިއާކައުންސިލުން އިލްތިމާސްކޮށްފި


ރާއްޖޭގެ ބައެއް މީޑިއާތަކުން ފިތުނަ ފަސާދައަށް މަގުފަހިވާ ފަދަ ލިއުންތައް ޝާއިއުކުރަމުންދާ ކަމުގެ ޝަކުވާ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ވިދާޅުވީ ފަހަކަށް އައިސް ރާއްޖޭގެ ބައެއް އޮންލައިން މީޑިއާތަކުގައި ޝާއިއުކުރާ ބައެއް ޚަބަރުތަކާއި ރިޕޯޓްތަކާއި އެނޫންވެސް ބައެއް ލިޔުންތަކާ ގުޅިގެން އެކައުންސިލުގެ ވަކިވަކި މެމްބަރުންނަށް ޝަކުވާ ލިބޭ މިންވަރު އިތުރުވެފައިވާކަމަށެވެ.

އެމްއެމްސީން ވިދާޅުވީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް ޝަކުވާ ހުށަހަޅާފައިވަނީ އޮންލައިން މީޑިއާ ތަކުގައި އިސްލާމް ދީނާއި ދިވެހި މުޖުތަމަޢުގެ ޢާންމު އަޚްލާޤީ މިންގަޑާ ޚިލާފް ލިޔުންތަކާއި ފިތުނަފަސާދައާއި ނަފުރަތުގެ ޝުޢޫރުތައް އުފެދެން މަގުފަހިވާފަދަ ލިޔުންތަކާއި ނޫސްވެރިކަމުގެ ހަމަތަކާއި ޚިލާފަށް ނުބައި މަޢުލޫމާތު ފެތުރޭފަދަ ލިޔުންތައް ޝާއިއު ކުރާތީކަމަށެވެ.

އެފަދަ ކަންކަމަކީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ރާއްޖޭގެ މީޑިއާގެ މުޅި ޢާއިލާއިން ނަގަހައްޓަން މަސައްކަތް ކުރަމުންދާ މިނިވަން ނޫސްވެރިކަމުގެ މިންގަނޑުން ބޭރުން ކުރާކަމެއްގެ ގޮތުގައި ދެކޭކަމަށްވެސް އެކައުންސިލުގެ ބަޔަނުގައި ވެއެވެ.

އެމްއެމްސީން ވިދާޅުވީ ޤާނޫނު އަސާސީގެ ހަތާވީސްވަނަ މާއްދާއިން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމާއި ޤާނޫނުގެ 28ވަނަ މާއްދާއިން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ މިނިވަންކަން ބޭނުން ކުރަންޖެހޭނީ ޒިންމާދާރުކަމާއެކު ވަކި އިންތަކެއްގެ ތެރެއިން ކަމަށް ދެކިލައްވާ ކަމަށެވެ. އަދި އެއްވެސް ޒިންމާދާރުކަމެއް ނެތި އެ ދެމާއްދާގެ ބޭނުން ނަހަމަގޮތުގައި ހިފުމަކީ އެ ކައުންސިލުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން އެއްވެސް ވަރެއްގެ ޒިންމާދާރުކަމެއް ނެތި އެފަދަ ލިޔުންތައް ޝާއިއު ކުރުމުގެ އާޚިރު ނަތީޖާއަކަށް ވެގެން ދާނީ ޤައުމުގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ގެއްލިގެންގޮސް ބޮޑު ހަމަ ނުޖެހުމެއްގެ ތެރެއަށް ޤައުމު ހުށަހެޅިގެންދާނެ ކަމެއްގެ ގޮތުގައި އެ ކައުންސިލުން ދެކޭ ކަމަށެވެ.

އެހެން ކަމުން އޮންލައިން މީޑިއާތަކުގައި ޚަބަރުތަކާއި ރިޕޯޓްތަކާއި އެނޫންވެސް ލިޔުންތައް ޝާއިއު ކުރުމުގައި އެފަދަ އެންމެހާ ކަންކަމުން ދުރުހެލިވެ، ދީނާއި ޤައުމިއްޔަތު އިސްކޮށްގެން މަސައްކަތް ކުރުމަށް މީޑިއާ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.