ޚަބަރު

ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭ އިޞްލާޙު މިފަހަރު ޤާނޫނޫ އަސާސީއަށް


ރައީސުލްޖުމްހޫރިއްޔާކަށް ކުރައްވާފައިވާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ނުވެވޭނެގޮތަށް ޤާނޫނު އަސާސީއަށް އިޞްލާހެއް ހުށައަޅުއްވައިފިއެވެ. މި އިޞްލާޙު ޤާނޫނު އަސާސީއަށްވެސް ހުށަހަޅުއްވާފައިވަނީ ކުރިންވެސް އެއިޞްލާޙު ގެނައުމަށް ހުށަހެޅުއްވި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދެވެ.

ކުރިން ހުށައެޅުއްވި އިޞްލާޙު ނުނަންގަވާ އަނެއްކާވެސް އިޞްލާޙު ހުށައަޅުއްވާފައިވަނީ، ޤާނޫނު އަސާސީގެ 73ވަނަ މާއްދާގެ (ހ)އަށް ނަންބަރެއް އިތުރުކުރުމަށެވެ.
މިހާރު ޤާނޫނު އަސާސީގެ 73ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އިންތިޚާބުކުރެވޭ މީހެއްހެއްގެ ކިބާގައި ފުރިހަމަ ވާންޖެހޭ ޝަރުތުތަކެވެ. މި މާއްދާގައި މިހާރު މެންބަރަކަށް ވުމުގެ ޝަރުތުގެ ތެރޭގައި ކުރީގެ ރައީސުން ހިމަނާފައެއްނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ޤާނޫނު އަސާސީއަށް އިޞްލާޙެއް ގެނައުމަށް ފާސްވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣްލަބިއްޔަތުންނެވެ. ލަތީފް ވިދަޅުވީ ޤާނޫނޫ އަސާސީގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ކުރިމަތިލެވޭގޮތަށް ކުރިން އެ އޮތީ 2008ވަނަ އަހަރުގެ ކުރީގެ ހާލަތަށް ރިޔާއަތްކޮށްކަމަށެވެ. އެހެންނަމަވެސް މި ފާއިތުވި ދިހަ އަހަރުގެ ތެރޭގައި އެ ޙާލަތަށް ބަދަލުތަކެއް އައިސްފައިވާކަމަށާ، ރައީސްކަން ކުރައްވާފައިވާ ގިނަ ބޭފުޅުންތަކެއް އެބަތިއްބެވިކަމަށެވެ. އެބޭފުޅުންނަށް އެކި އިނާޔަތްތަކާއި ސެކިއުރިޓީއާއި އެނޫންވެސް ގިނަ ޚަރަދުތަކެއް ދައުލަތުން ކުރައްވާކަމަށާ، އެބޭފުޅުންކީ ޢިއްޒަތާއި ޤަދަރު ލިބިވަޑައިގެންތިއްބެވި ބޭފުޅުންތަކެއްކަން ލަޠީފް ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެއްވޭނެ އިސްލާހެއް ޤާނޫނޫ އަސާސީއަށް ހުށައަޅުއްވާފައިވާއިރު، އަންނަ އޭޕްރިލްމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ މަޖިލީހަށް ވާދަކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން ހާމަކުރައްވާފައެވެ.

ލަޠީފްގެ އިޞްލާހަކީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއާއި ސަރުކާރަށް ތާއީދުކުރާ ގިނަ މެންބަރުންގެ ފާޑުކިއުން އަމަޒުވެފައިވާ އިޞްލާޙެކެވެ. އެމްޑީޕީން ވަނީ އެއިޞްލާޙަކީ އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ޖުމްހޫރީޕާޓީއަށް ނިސްބަތްވެވަޑައިގަންވަވާ މެންބަރު ލަޠީފް ހުށައެޅުއްވި އިޞްލާހެއްކަމަށެވެ. އަދި އެ އިޞްލާޙު އަނބުރާ ނެންގެވުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕަށްވެސް ގޮވާލާފައެވެ.

މިކަމާއި ގުޅިގެން ޖުމްހޫރީޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން އެ އިޞްލާޙު ނެންގެވުމަށް އަންގާފައިވަނިކޮށް އަނެއްކާވެސް ލަޠީފް ޤާނޫނު އަސާސީއަށް އެއިޞްލާޙު ހުށަހެޅުއްވުމާގުޅިގެން ދެޕާޓިގެ މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި ވަރަށް ބޮޑަށް ޚިޔާލުތަފާތުވުންތައްވަނީ އުފެދިފައެވެ. އެމްޑީޕީން ބުނީ އެ އީޞްލާޙު ފާސްވިޔަނުދެއްވާނެކަމަށެވެ. އަދި އެ އީޞްލާޙު ފާސްވިޔަސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤްނުކުރައްވާނެކަމަށްވެސް ސަރުކާރުގެ މައިޕާޓީ އެމްޑީޕީން ވަނީ ބުނެފައެވެ.