ޓުއަރިޒަމް

އޯ.ޓީ.އެމް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ


އިންޑިއާގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއަރ، އޯ.ޓީ.އެމް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

އޯޓީއެމް ފެއަރގައި މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރް.ސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ 15 ކުންފުންޏަކުން 20 ފަރާތެއް ވަނީ ބައިވެރިވެފައެވެ. މި ފެއަރގައި ބައިވެރިވާ ރާއްޖޭގެ ވަފްދުގައި އެންމެ އިސްކޮށް ހުންނެވީ އެމް.އެމް.ޕީ.އާރް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބް މުޙައްމަދެވެ.

"ވަން ވޯލްޑް ޓްރެވަލް މާރކެޓް"، އޯޓީއެމްގައި ފަތުރުވެރިކަމާއި ދަތުރުފަތުރުގައި ބައިނަލްްއަޤްވާމީ ގޮތުން ފާހަގަ ކޮށްލެވޭ ކުންފުނި ތަކުން އަންނަނީ ބައިވެރި ވަމުންނެވެ. މިއަހަރުގެ އޯޓީއެމް ފެއަރ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހާއި ހަަމައަށް، މުމްބާއީގައި ހުންނަ ބޮމްބޭ ކޮންވެންޝަން ސެންޓަރުގައެވެ.

މި ފެއަރއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ ޤުދުރަތީ ރީތިކަން ފެންނާނެ ގޮތަށް 60 އަކަފޫޓުގެ ސްޓޭންޑެއް މި ވަފްދުން ވަނީ ތައްޔާރު ކޮށްފައެވެ. އަދި ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުބޮޑު އިނާމްތައްވެސް ކަނޑައަޅާފައިވެއެވެ. މި އަހަރުގެ އޯޓީއެމްގައި ދިވެހިރާއްޖެ މިހާރަށްވުރެ ބޮޑަށް އިސްތިހާރުކޮށް، އިންޑިއާ މާރކެޓްގައި ރާއްޖޭގެ ބައިވެރިވުން އިތުރު ކުރުމަށް ރާއްޖޭގެ ވަފުދުން މަސައްކަތް ކުރާނެއެވެ. އަދި މި ފެއަރގެ ބޭރުން، ބޮޑެތި ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް ޓްރޭޑް މީޑިއާ ތަކާއިއެކުވެސް މި ވަފްދުން ބައްދަލުވުންތައް ބާއްވާނެއެވެ.

މިއަހަރުގެ އޯޓީއެމް ފެއަރގައި 50 ޤައުމަކުން 1000 އެގްޒިބިޓަރުން ބައިވެރިވެއެވެ. އަދި އިންޑިއާގެ ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ގިނަ ފަރާތްތަކަކުން މި ފެެއަރގެ ތެރޭގައި އިތުރު ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ޔާޝްރާޖް ފިލްމްސް، ދަރްމާ ޕްރޮޑަކްޝަންސް އަދި ވިއަކޮމް ހިމެނެއެވެ. މިއަހަރުގެ ފެއަރއަށް ފަތުރުވެރި ކަމުގެ ދާއިރާއާއި ގުޅުން ހުރި ފަނަރަ ހާސް ފަރާތަކުން ޒިޔާރަތްކުރާނެ ކަމަށް މި ފެއަރ އިންތިޒާމް ކުރާ ފަރާތްތަކުން ދެކެއެވެ.

އިންޑިއާގެ ޓްރެވަލް މާރކެޓަކީ ދުނިޔޭގައި ދެވަނައަށް އެންމެ ބާރަށް ކުރިއަރަމުން އަންނަ މާރކެޓްކަމަށްވާއިރު، ދިވެހިރާއްޖެއަށް 5 ވަނަ އަށް އެންމެ ގިނަ ޢަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރަމުން އަންނަނީ އިންޑިއާއިން ކަމަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.