ޚަބަރު

ޅެންވެރިންގެ ދުވަހުގެ ރަސްމީ ޙަރަކާތްތަކަށް ރ.އިނގުރައިދޫ ތައްޔާރުވެއްޖެ


މިއަހަރު ފާހަގަކުރާ 30 ވަނަ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ޙަރަކާތްތަކަށް ރ.އިނގުރައިދޫ ތައްޔާރުވެއްޖެއެވެ.

ޅެންވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަން މިއަހަރު ސަރުކާރުން ކަނޑައާޅާފައިވާ ރަށަކީ ރ.އިނގުރައިދޫގައެވެ. ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް އިނގުރައިދޫގައި ގިނަ ޙަރަކާތްތަކެއް ވަނީ އިންތިޒާމްކޮށްފައެވެ. ދުވަހާގުޅޭ ރަސްމީ ޕްރޮގްރާމް ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު މިދުވަހާ ދިމާކޮށް ރާއްޖޭގެ އެކި ސަރަޙައްދުތަކުން އިނގުރައިދޫއަށް ދަޢުވަތު އެރުވިގެން ވަޑައިގަންނަވާ ޅެންވެރިންނާއި ދިވެހި ބަހުގެ އެކަޑަމީން އިންތިޒާމުކުރި ޅެން ހަދަން ދަސްކުރުމުގެ ކޯހުގައި ބައިވެރިވި ފަރާތްތަކާ ބައްދަލުކޮށް ޅެންވެރިކަމާ ގުޅެގޮތުން މަޝްވަރާކޮށް ޅެންވެރިކަން ދިރުވައި އާލާކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އިނގުރައިދޫގައި ތިބި މަސައްކަތްތެރިންގެ ހުނަރު ދައްކާލުމަށް ޚާއްސަ ހަވީރެއް، ބުރާސްފަތި ދުވަހު "އެދުރުބެ ހަވީރު"ގެ ނަމުގައި އިނގުރައިދޫ ސްކޫލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެއާއެކު ޅެންވެރިންގެ ދުވަހާ ގުޅިގެން ރ.އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ އެކި ކޯސްތަކާއި ޅެންވެރިންގެ ދުވަހާ ގުޅިގެން މާލޭގައި ކުރިއަށްގެންދިޔަ ޙަރަކާތްތަކުގެ އިނާމާއި ސެޓްފިކެޓް ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި "ގުންޒަރު"ގެ ނަމުގައި ޅެންވެރިކަމުގެ ފަންނުވެރިކަން ދައްކާލުމަށް ސްޓޭޖް ޙަރަކާތްތަކެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ޅެންވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ޚާއްސަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރުދުވަހުގެ ރޭގައެވެ.

ޅެންވެރިންގެ ދުވަހާ ގުޅިގެން އިނގުރައިދޫގައި ކުރިއަށްގެންދިޔަ އެކި ކޯސްތަކުގައި ބައިވެރިވި، އެކި މުއައްސަސާތަކުގެ ބޭފުޅުންވަނީ މިކޯސްތަކުގެ ސަބަބުން އެފަރާތްތަކަށް ލިބިގެންދިޔަ ފައިދާތައް ޕީއެސްއެމް ނިއުސްއާ ޙިއްސާކޮށްފައެވެ.

ސްކޫލް ކުދިންނަށް އަމަޒުކޮށްގެން ހިނގި ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދިނުމާއި ޅެންހަދަން ދަސްކޮށްދިނުމުގެ ކޯހާގުޅޭގޮތުން އެކުދިން ދެކޭ ގޮތްވެސް ވަނީ ޕީއެސްއެމް ނިއުސްއާ ހިއްސާކޮށްފައެވެ.

ޅެންވެރިންގެ ދުވަހުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައި ވަނީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 15ވަނަ ދުވަހެވެ. މިދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ރ.އިނގުރައިދޫގައި ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހުއެވެ. މިދުވަސް ފާހަގަކުރުމަށް ރ.އަތޮޅުގެ އެކި ރަށްރަށުން މިރަށަށް މީހުން އަންނަމުންދާއިރު މިދުވަސް ކުލަ ގަދަކޮށް ފާހަގަކުރުމަށް ގިނަ މަސައްކަތްތަކެއް ދިވެހި ބަހުގެ އެކަޑަމީއާ ގުޅިންގެން އިގުރައިދޫ ކައުންސިލާއި ސްކޫލް ގުޅިގެން އަންނަނީ ކުރަމުންނެވެ.